03 Jul 2023, 16:55
ޖެނީން (3 ޖުލައި 2023): އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ އަވަށަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއްދީ ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުކޮށްލައި 40 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލައިފިއެވެ.
އަލްޖަޒީރާ ބުނާގޮތުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކަށް ނިސްބަތްވާ ހާހަކަށްވުރެ ގިނަ ސިފައިން އަސްކަރީ ބަރުހަތިޔާރާއި އަސްކަރީ ބުލްޑޯޒަރުތަކާއެކު ރޭ ދަންވަރު ޖެނީން ރެފިއުޖީ އަވަށަށް ވަދެގަތުމާއެކު އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކަށް ނިސްބަތްވާ ވައިގެ ސިފައިން ގެންދިޔައީ ހެލިކޮޕްޓަރުތަކުން އެއަވަށުގެ މަތިން އުދުހި އިސްތިއުމާރީ ސިފައިންނަށް ހިމާޔަތް ދެމުންނެވެ.
އެއަށްފަހު އިސްރާއީލު ސިފައިންވަނީ ޖެނީންގައި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުން ތިބި ތަންތަންކަމަށް ބެލެވޭ ތަންތަނަށް މިސައިލް ހަމަލާތަކެއް ދީފައެވެ. އަދި މިއަދު ހެނދުނުވަނީ އަސްކަރީ ޑްރޯންތައް ބޭނުންކޮށްގެންވެސް ޖެނީން ރެފިއުޖީ އަވަށަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މި ހަމަލާތަކުގައި ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުވެ 40 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާއިރު ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދިނުމަށްވެސް އިސްރާއީލު ސިފައިންވަނީ ހުރަސްއަޅައި އެންބިއުލަންސްތައް ޖެނީން އަވަށުގެ ކައިރިއަށް ދިޔުން މަނާކޮށްފައެވެ. މިކަމުގެ ސަބަބުން ޒަޚަމްވެފައިވާ ބައެއް މީހުންގެ ހާލު ދެރަވެ އެމީހުން މަރާކުރިމަތިލާންޖެހިފައިވާ ކަމަށް އަލްޖަޒީރާ ބުނެއެވެ.
ޖެނީން ރެފިއުޖީ އަވަށަށް ވަދެގަތް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކާ ކުރިމަތިލީ އެއަވަށުގެ ޒުވާނުންނާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންނެވެ. މުޖާހިދުންވަނީ އިސްރާއީލުގެ އަސްކަރީ ދެ ޑްރޯން ވައްޓާލައި އިސްރާއީލު ސިފައިންގެ އެތައް އުޅަނދެއް ގޮވާތަކެތި ބޭނުންކޮށްގެން ގޮއްވާލާފައެވެ.
ގޮއްވާލި އުޅަނދުތަކުގެ ތެރޭގައި އިސްރާއީލުގެ އަސްކަރީ ބުލްޑޯޒަރަކާއި އާމެޑް ވެހިކަލްގެ ދެ ވެހިކަލް ހިމެނޭކަމަށް މުޖާހިދުންގެ ޖަމާއަތްތަކާ ހަވާލާދީ އަލްޖަޒީރާ ބުނެއެވެ. އިސްރާއީލުން ރޭ ދަންވަރު ޖެނީންގެ ރެފިއުޖީން ނިދާފައި ތިއްބައި އެއަވަށަށް އަރައި ހިންގި ޖަރީމާތައް ދުނިޔޭގެ އެކިގައުމުތަކުން ގެންދަނީ ކުށްވެރި ކުރަމުންނެވެ.
އީރާނުން ބުނީ އިސްރާއީލަކީ ގައުމެއް ނޫންކަމަށާއި އެއީ ޓެރަރިސްޓް އެންޓިޓީ އެއްކަމުގައެވެ. އެހެންކަމުން ޓެރަރިޒަމްގެ އަމަލުތައް ނުހިންގައި އަދި ފަލަސްތީނު މީހުން ނުމަރައި ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް ފައިހަރުކޮށްލައިގެން ނޯވެވޭނެތީ އިސްރާއީލުން ޖެނީންގައިވެސް ހިންގަމުން ގެންދަނީ ޓެރަރިސްޓް އަމަލުތައް ކަމުގައެވެ.
އދ.އިން ފަލަސްތީނަށް ކަނޑައަޅާފައިވާ އިންސާނީ ހައްގުތަކާބެހޭ ވިލަރެސް ވެރިޔާ ލީން ހެސްޓިންގަރ ވިދާޅުވީ ރޭގަނޑު ދަންވަރު ޖެނީންގައި މީހުން ނިދާފައި ތިއްބައި އިސްރާއީލުން ހިންގާފައިވަނީ ވަރަށް ލާއިންސާނީ ޖަރީމާތަކެއްކަމަށާއި އެއީ ފާޅުކަންބޮޑު ގޮތެއްގައި އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށެވެ.
މިސްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވަނީ އިސްރާއީލުން ފަލަސްތީނުގެ ރެފިއުޖީ އަވަށްތަކަށް އަރައި މީހުން މެރުމުގެ ޖަރީމާތައް ހިންގާކަމަށް ތުހުމަތުކޮށް މިކަން ބައިނަލްއަގްވާމީ މުޖްތަމައުން ހުއްޓުވަންޖެހޭ ކަމަށް ބުނެފައެވެ.
މީގެ ދެހަފުތާކުރިންވެސް އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ޖެނީން ރެފިއުޖީ އަވަށަށް ހަތިޔާރާއެކު ވަދެގަނެ ފަލަސްތީނުގެ ފަސް މީހުން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަޚަމްކޮށްލާފައިވެއެވެ. ރައްދުގައި ފަލަސްތީނުގެ މުޖާހިދުންވަނީ އިސްރާއީލުގެ އަސްކަރީ އުޅަނދެއް ގޮއްވާލާފައެވެ. އަދި އެއަށްފަހު ފަލަސްތީނުގެ ޒުވާނަކުވަނީ ބަޑިން ހަމަލާދީ އިސްރާއީލުގެ ހަތަރު މީހަކު މަރާލާފައެވެ.