03 Jul 2023, 18:09
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާތަކުގެ ތާވަލާއި އެ ޖަލްސާތަކުގައި ހިމަނާ މައްސަލަތައް ކުރިއާލާ އެނގޭގޮތަށް، ލިއުމުން ހިއްސާކުރުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފިއެވެ.
އަސްލަމް އެފަދައިން އެދިވަޑައިގެންފައި ވަނީ، މަޖިލީހުގެ އަމީންއާންމު ފާތިމަތި ނިއުޝާއަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
އެ ސިޓީގައި ވަނީ، މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ މެމްބަރުންނަށް ލިބުނީ ކުރު ނޯޓިސްއެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މެމްބަރުންނަށް ޖަލްސާއަށް ހާޒިރުވުމަށް ދަތިތަކެއް ކުރިމަތި ވާނެކަމަށް ގަބޫލު ކުރައްވާކަމަށް އެ ސިޓީގައި ވެއެވެ.
މީގެ އިތުރުން އެ ސިޓީގައި ވަނީ، މަޖިލީހުގެ ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމަވާލައްވާފައި ވަނީ، މަޖިލީހުގެ ގަވާއިދާއި މީގެ ކުރިން އަމަލުކުރަމުން އައި ގޮތާ ވެސް ޚިލާފު ގޮތަކަށް ކަމަށް ބުނެފައެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ބާއްވަވާ ދައުރުން ބޭރު ޖަލްސާތަކުގެ ތާވަލާއި އެޖަލްސާތަކުގެ އެޖެންޑާގައި ހިމަނުއްވާނޭ މައްސަލަތައް ކުރިއާލާ އެނގޭނެ ގޮތައް ލިޔުމުން ހިއްސާކޮށްދެއްވުމަކީ މުހިންމު ކަމެއްކަމަށް ދެކޭތީ، އިސްވެ ދެންނެވުނު މައުލޫމާތު ދެން އޮންނަ ޖަލްސާއެއްގެ ކުރިން، ދުރާލާ ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕަލިމަންޓްރީ ގްރޫޕާ ހިއްސާކޮށްދެއްވުން އެދެމެވެ،" އެ ސިޓީގައިވެއެވެ.
މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިމުނު އިރު މަޖިލީހުގެ އެތައް މަސައްކަތެއް ނުނިމި އޮތަތީ، އެމްޑީޕީން ވަނީ މަޖިލީހުގެ ގަވާއިދުގެ ދަށުން ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަން އެދިފައެވެ. މިއަދަށް އެ ޖަލްސާ ތާވަލްކުރި ނަމަވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ އިތުރު ދެ މެމްބަރަކު އެ ޕާޓީން ވަކިވެފައިވާތީ، މިހާރު އޮތް ގޮތަށް ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެން ނެތް ކަމަށް ބުނެ ދެ މިނެޓު ނުވަނީސް ޖަލްސާ ވަނީ ނިންމާލާފައެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވަނީ، ބައެއް މެންބަރުން ޗުއްޓީގައި ތިއްބައި ކުއްލިއަކަށް ޖަލްސާ ބާއްވަން ނިންމެވީ މަޖިލިސް ނުހިނގާނެ ގޮތަކަށް އަމަލު ކުރަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވާތީ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް މަސައްކަތެއް ނުކުރެވި ނިންމާލާފައިވާއިރު، ދެވަނަ ދައުރުގެ ފަހުކޮޅުގެ ގިނަ ޖަލްސާތައް ނުބޭއްވި، މަޖިލިސް އޮތީ ޑެޑްލޮކްގައެވެ.
މަޖިލިސް ޑެޑްލޮކަށް ދިޔައީ، ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން އިސްވެ ހުށަހެޅުމުންނާއި އެ ޕާޓީގެ މެންބަރުންތަކެއް ޕާޓީން ވަކިވުމުން ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްނުގެންދެވިގެންނެވެ.