ރާއްޖެއަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ ތެރެއިން މިލިއަން ވަނަ ފަތުރުވެރިޔާއަށް މިމަހު މަރުހަބާ ކިޔާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފިއެވެ.

އެ މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ މުޅި ޖުމުލަ 920،156 ފަތުރުވެރިންނެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު މިއީ 14.2 ޕަސަންޓުގެ ކުރިއެރުމެކެވެ.

މިއަހަރުގެ މޭ މަހާ އަޅާ ބަލާއިރު، ނިމިދިޔަ ޖޫން މަހު ވަނީ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވެފައެވެ. އެގޮތުން މޭ މަހު 120،959 ފަތުރުވެރިން ރައްޖެ ޒިޔާރާތް ކުރި އިރު، ޖޫން މަހު ޒިޔާރާތް ކޮށްފައި ވަނީ، 110،912 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރަނީ އިންޑިއާއިންނެވެ. އެގޮތުން އެ ގައުމުން މިހާތަނަށް 109،190 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ދެ ވަނަގައި އޮތް ރަޝިޔާއިން މިއަހަރު 107،985 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ތިން ވަނައިގައި އޮތް ޔޫކޭއިން ވަނީ 79،913 ފަތުރުވެރިން އައިސްފައިވެއެވެ.

މިދިޔަ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ މި ތިން ގައުމުންނެވެ. ނަމަވެސް ޗައިނާއިން މިއަހަރު ގިނަ ފަތުރުވެރިންތަކެއް ޒިޔާރާތް ކުރާނެކަމަށް ބެލެވެއެވެ.

މިހާތަނަށް މިއަހަރު ޗައިނާއިން 62،051 ފަތުރުވެރިން ޒިޔާރާތްކުރި އިރު ޗައިނާ އޮތީ ލިސްޓުގެ ހަވަނައިގައެވެ.

މިދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށަށްގޮސްފައިވާއިރު، ޗައިނާ، ކޮރެއާ، ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެމެރިކާ މާކެޓަށް ބަރޯސާވާކަމަށް ބައެއް ޓްރެވަލް އޭޖެންޓުން ފާހަގަކުރެއެވެ. ސަބަބެއްކަމަށް ޓްރެވަލް އޭޖެންޓުން ބުނަނީ ރާއްޖޭގެ ރޭޓްތައް މަތިވުމެވެ.