ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމްގެ ކެނޑިޑެންސީ ފޯމު, އިލެކްޝަންސް ކޮމިޝަން (އީސީ)ން ބަލައިނުގެންފި ނަމަ، އެ މައްސަލަ ސުމްރީމް ކޯޓަށް ހުށަހަޅާ ކާމިޔާބު ކުރާނެ ކަމަށް އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދަޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ، މިއަދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ އެކު ޕީޕިއެމް ޕީއެންސީން ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އަދުރޭ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހަޅަން ހުޅުވާލުމުން ޔާމީން ފޯމު ހުށަހަޅުއްވާނެ ކަމަށެވެ.

"މިސާލަކަށް މި ތަނުން (އީސީ)ން ނިންމާ ގޮތެއްގެ މަތިން އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް ވެސް ކުރާނަން. އެއީ ސުޕްރީމް ކޯޓަށް ދާން ޖެހެންޏާ ސުޕްރީމް ކޯޓަށް ގޮސްގެން ވެސް،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ވޯޓުލާ ކަރުދާހުގައި ޔާމީންގެ ނަންފުޅު އޮންނާނޭ ކަމަށް ޝައްކު ނުކުރާ ކަމަށެވެ.

އީސީން ބުނެފައިވަނީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލާނީ މި މަހުގެ 23 ވަނަ ދުވަހުން އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ޕީޕީއެމް އިން ޔާމީނަށް ރިޔާސީ ޓިކެޓު އަރުވަފައި ވަނީ، މިދިޔަ އަހަރު އޯގަސްޓް މަހުގެ 19 ވަނަ ދުވަހެވެ. ނަމަވެސް މަނީ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެއެވެ.