12 Jul 2023, 13:04
އެންމެ އުމުރުން ދޮށީ ފުޓުބޯޅަ ކުޅުންތެރިޔާ، ޖަޕާނުގެ ކަޒުޔޮޝީ މިއުރާ އުމުރުން 60 އަހަރު ވަންދެން ކުޅެން ބޭނުންވާ ކަމަށް އޭނާ ބުނެފިއެވެ.
ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އޮލިވޭރެންސޭއަށް ކުޅެމުންދާ އުމުރުން 56 އަހަރުގެ މިއުރާ ވަނީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައެވެ. އޭނާ ފުރަތަމަ އެ ކްލަބާ ގުޅިފައިވަނީ ލޯނުގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހު ޖަޕާންގެ ޔޮކޮހާމާ އެފްސީ އިންނެވެ.
އޮލިވޭރެންސޭ އިން ލީގުގަައި ކުޅުނު ފަހު މެޗުގައި 20 މިނެޓަށް މިއުރާ ފެނުނު ނަމަވެސް، އޭނާއަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައެވެ. އޮލިވޭރެންސޭ އިން 4-3 ގެ ނަތީޖާއަކުން ލެއިޒޯސް އަތުން މޮޅުވި އެ މެޗަށްފަހު، 'ސްޕޯޓް ޓީވީ' އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އުމުރުން 60 އަހަރު ވަންދެން ފުޓުބޯޅަ ކެރިއަރު ކުރިއަށްގެންދަން ބޭނުންވާ ކަމަށެވެ.
މިއުރާއަކީ ޖަޕާނުގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން މިދިޔަ އަހަރު ޖަޕާނަށް ކުރި ދަތުރުގައި ވެސް ލިއޮނެލް މެސީ، ނޭމާ އަދި ކިލިއަން އެމްބާޕޭ ފަދަ ތަރިންނާއެކު މިއުރާ ފެނިގެންދިޔައެވެ.
މިއުރާ މިހާރު ތަައްޔާރުވަމުންދަނީ އޮލިވޭރެންސޭގެ ޕްރީ ސީޒަން ތަމްރީނުތަކަށެވެ. އެ ކްލަބުގެ ފުރަތަމަ ތަމްރީނު މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ޕޯޗުގަލްގެ ކްލަބު ފަފޭއާ ދެކޮޅަށެވެ.