އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ޖުމްހޫރީ މައިދާނުގައި ކުރަމުންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފިއެވެ.

ޖުމްހޫރި މައިދާނުގައި އިހުތިޖާޖުކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިދިކޮޅު މެމްބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ. އެއީ:

  • މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް

  • ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް
  • މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު
  • މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު

އޭގެ އިތުރުން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި މާލެ ސިޓީ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި މާލެ ސިޓީ ކައުންސިލަރު އަދި ޕީޕީއެމްގެ ސެނެޓު މެމްބަރު އަހުމަދު އައިފާން އާއި ބައެއް އާންމު މެމްބަރުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅޭގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބޭ ގޮތް ނުވެއެވެ.