ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލައިފިއެވެ.

އީސީއިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ވަނީ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މާދަމާ ހެނދުނު 9:00އިން ފެށިގެން އަންނަ މަހުގެ ހަތެއްގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާ ކަމަށް އެ އިއުލާނުގައިވެއެވެ.

ރައީސް ކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ފުރިހަމަ ވާންޖެހޭ ޝަރުތުތައް:
(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.
(ށ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
(ނ) ޢުމުރުން 35 އަހަރުވެފައިވާ މީހަކަށް ވުން.
(ރ) ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.
(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް ނަމަ، އެ ދަރަނި ޚަލާޞްކޮށްފައިވުން.
(ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވުން.
(ކ) މި ބައިގެ (ޅ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް، އެ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ. އޭގެ ތެރޭގައި އަލަށް ވޯޓުލުމުގެ ފުރުސަތު ލިބޭ 21،137 ޒުވާނުން ހިމެނެއެވެ.

މި އިންތިޚާބަށް ރީރެޖިސްޓާ ވުމަށް މިދިޔަ އާދިއްތަ ދުވަހު ހުޅުވާލާފައިވާއިރު އަންނަ މަހުގެ ފަސް ވަނަ ދުވަހު ހަވީރު 04:00އާ ހަމައަށް ރީރެޖިސްޓްރޭޝަނަށް އެދެވޭނެއެވެ.

މި މުއްދަތުގެ ތެރޭގައި ރީރެޖިސްޓްރީ ވާންޖެހޭނީ، ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލާން އެދޭ މީހުންނެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީ-ރެޖިސްޓާވި މީހުން، މިއަހަރުގެ އިންތިޚާބުގައި އަލުން ރީ-ރެޖިސްޓާވާން ނުޖެހޭނެއެވެ.

މި އަހަރު ރިޔާސީ އިންތިޚާބަށް އޮންލައިންކޮށް، ޕޯޓަލްއެއް މެދުވެރިކޮށް ރީރެޖިސްޓާ ވެވޭނެ އިންތިޒާމް އީސީން ވަނީ ހަމަޖައްސާފައެވެ.

މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އޮންލައިންކޮށް ރީރެޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިމަހުގެ 31ވަނަ ދުވަހެވެ. ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ.

މާލޭ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިން ރީރެޖިސްޓާވާ ފޯމު ދޫކޮށް، ބަލައިގަންނާނެއެވެ. އަދި މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ)އިން ރީރެޖިސްޓާވާ ފޯމު ދޫކޮށް ބަލައިގަންނާނެއެވެ.

މިއަހަރުގެ އިންތިޚާބުގައި ވޯޓު ލުމަށް 604 ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. ނަމަވެސް، ރީރެޖިސްޓްރޭޝަނަށް ފަހު މި މުއްދަތައް ބަދަލުއައުން އެކަށީގެންވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިންނެވެ.