ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިންތިޚާބީ ހައްގަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ، އެ ހައްގު ހޯދުމަށް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމައިފައެވެ.

ރަޖިސްޓްރާގެ ނިންމެވުމުގައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައި ވީނަމަވެސް، އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.

ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެ މަނިކުފާނުގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެއަށް ފަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިހާތަނަށް ތާވަލްކޮށްފައިނުވާއިރު، އިތުުރު އަޑުއެހުމެއް ތާވަލް ކުރާނެ ދުވަހެއް ނޭނގޭ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ.

އެކަމާ މެދު އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ބޭފުޅުން ގެންދަވަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖޭއެސްސީ އާއި ހައި ކޯޓު އަދި ކަމާ ބެހޭ އެހެނިހެން އިދާރާތަކަށް ވަޑައިގެން ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވަމުންނެވެ.

އިދިކޮޅުން މި މައްސަލަ އަވަސްކުރަން ބޭނުންވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވާދަކުރެވޭނެކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އަންނަ މަހުގެ ހަތް ވަނަ ދުވަހު އެ މުއްދަތު ހަމަ ވާނެއެވެ. އެ މުއްދަތުގެ ކުރިން ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމް ހުށަހެޅުމަށް އިދިކޮޅުން އަންނަނީ ތައްޔާރު ވަމުންނެވެ.