23 Jul 2023, 20:32
ފުލުހުންގެ ތަހުގީގުތަކަށް ޚާއްޞަކޮށްގެން ހެދި އިމާރާތުގެ މަސައްކަތް ނިންމައި، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގެ ނަމުގައި ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
ހ. ފޯވިންޑުގައި ހެދި 10 ބުރީގެ އެ އިމާރާތް ހުޅުއްވައިދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
އެ ރަސްމިއްޔާތުގައި ފުލުހުންގެ ސީނިއާ އެގްޒެކެޓިވް އޮފިސަރުންނާއި ސާޖަންޓް އާދަމް ހަލީމްގެ މަންމަ އާއި ބައްޕަ އާއި އަނބިކަނބަލުން އަދި ދަރިފުޅުގެ އިތުރުން އާއިލާގެ އެހެނިހެން މެމްބަރުންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި ފުލުހުން ބައިވެރިވެފައިވެއެވެ.

ފުލުހުންގެ ތަހުގީގުތަކަށް ޚާއްސަކޮށްގެން ހުޅުވި އިމާރާތުގެ އެތެރެ -- ފޮޓޯ/ ޕޮލިސް
ހެންވޭރު ދަނޑު ކައިރީގައި މިއަދު މި ހުޅުވި 10 ބުރީގެ މި އިމާރާތް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކަށް ޚާއްޞަކޮށްފައިވާއިރު، މި އިމާރާތުގައި އިންޓަވިއު ރޫމުތަކާއި މެސް ހޯލަކާއި ކޮންފަރެންސް ރޫމެއްގެ އިތުރުން މަލްޓިޕާޕަސް ހޯލެއް ހިމެނެއެވެ.
އެ އިމާރާތަށް، ކްރިމިނަލް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑިޕާޓްމަންޓުތައްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން އިިންޓާޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއާއި ހެންވޭރު ޕޮލިސްގެ މަސައްކަތްތައްވެސް މި އިމާރާތަށް ބަދަލުކޮށްފައިވެއެވެ.
ސާޖަންޓް އާދަމް ހަލީމް ޝަހީދުވީ ޖުލައި 23، 2012ވަނަ ވަނަ ދުވަހު ރޭގައެވެ. އެއީ ކާށިދޫ ޕޮލިސް ސްޓޭޝަނަށް ދިޔަ މަގުމަތީގައި، ގޭބަންދުގައި ހުރި މީހަކު ގަވާއިދާ ޚިލާފަށް ބޭރަށް ނުކުމެ އުޅޭތީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރުމުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުންނެވެ.