24 Jul 2023, 07:33
މިދިޔަ އަހަރު ބޭއްވި އޮސްކާ އިވެންޓުގައި އެންމެ ބޮޑެތި ކާމިޔާބީތައް ހޯދި ސައި ފައި ފިލްމު "ޑޫން"ގެ ދެވަނަ ބައި ރިލީޒްކުރުން ލަސްވެދާނެ ކަމުގެ އިޝާރާތްތަކެއް ކޮށްފިއެވެ.
ވޯނާ ބްރޮސް އިން 2021 ވަނަ އަހަރު ރިލީޒްކުރި ޑޫންގެ ފުރަތަމަ ބައިގެ ކާމިޔާބީ ބޮޑުކަމާ އެކު ވަގުތުން ފިލްމުގެ ދެވަނަ މަސައްކަތް ވަނީ ފަށާފައެވެ. އެއާ އެކު ޕްރޮޑަކްޝަނުން ދިޔައީ ފިލްމުގެ ދެވަނަ ބައި މި އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ.
ނަމަވެސް މިހާރު އިޝާރާތްތައް ކުރަމުން އަންނަނީ އަންނަ އަހަރަށް ފިލްމު ޑިލޭ ވެދާނެ ކަމަށެވެ. މީގެ ކުރީން ފިލްމު ރިލިޒްކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ތިނަކަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފިލްމު ޑިލޭ ކުރަން ވިސްނަނީ މިހާރު ކުރިއަށްދާ ލިޔުންތެރިންނާ އެކްޓަރުންގެ ހަޅުތާލާ ގުޅިގެންނެވެ.
މިހާރު ކުރިއަށްދާ ހަޅުތާލާ ގުޅިގެން މުޅި ހޮލީވުޑް އަންނަނީ އެއްކޮށް ހުއްޓުމާ ދިމާލަށް މިސްރާބު ޖަހަމުންނެވެ. އެހެންވުމާ އެކު ޑޫންގެ ރެޑް ކާޕެޓް އިވެންޓުތައް ތާވަލު ކުރާއިރު އެއްވެސް އެކްޓަރެއް ނެތް ނަމަ ފިލްމު ފުރިހަމައެއް ނުވާނެއެވެ. ހަޅުތާލުގައި އެކްޓަރުން އުޅޭތީ ފިލްމު ލަސް ކުރުމަށް ވިސްނަމުންދާ ކަމަށް ވޯނާ ބްރޮސްގެ އެތެރޭގެ މަސްދަރުތަކެއް މައުލޫމާތު ދެއެވެ.
ޑޫންގެ ފުރަތަމަ ބަޔަކީ އެ ފިލްމު ބިނާ ކޮށްފައިވާ ވާހަކަ ފޮތުގެ ދެބައިކުޅަ އެއްބައެވެ. ފުރަތަމަ ފިލްމުގައި ލީޑުން ފެނުނު ޓިމޮތީ ޝަލަމޭ އާއި ޒެންޑާޔާގެ އިތުރުން ދެން ފިލްމުން ފެނިގެންދާނީ ރިބެކާ ފާގަސަން އާއި ޖޯޝް ބްރޯލިން އާއި ހަވިއޭ ބާޑެމްއެވެ. ދެވަނަ ފިލްމަކީ ވާހަކަ ފޮތުގެ ދެވަނަ ބައެވެ.
ޑޫންގެ ފުރަތަމަ ބަޔަށް ބޮކްސް އޮފީީހުގައި ވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެގޮތުން އެ ފިލްމަށް ޖުމްލަ 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.