25 Jul 2023, 19:36
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޕާޓީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެމްއާރްއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ސުންގަޑި ހަމަވުމަށް ފަހު ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން އިއުލާން ކޮށް، ވޯޓުލާން ހަމަޖެހިފައިވަނީ އަންނަ މަހުގެ އެކެއްގައެވެ. އެމްއާރްއެމުން ބުނީ، ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށެވެ.
އެމްއާރްއެމުން ޕްރައިމަރީއަށް ހުޅުވާލާފައިވާއިރު، އެޕާޓީގެ ފަރާތުން ޕާޓީގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނު ވާދަކުރައްވާނެ ކަން ވަނީ އިއުލާންކޮށްފައެވެ.
އެއަށްފަހު ފާރިސް ވަނީ މިއަދު ޖުމްހޫރީ ޕާޓީގެ ވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.
އެމްއާރްއެމްއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނައިރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން އިލްކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެ ޕާޓީ އުވާލުމަށް މީގެ ކުރިން ނިންމައިފައެވެ.
އީސީގެ ނިންމުމަށް އަމަލުކުރުން ފަސް ކުރަން ސިވިލް ކޯޓުން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ވަނީ އަމުރެއް ނެރެފައެވެ.
ސިވިލް ކޯޓުގެ އަމުރު މުރާޖައާ ކޮށްދިނުމަށް އެ ކޮމިޝަންގެ ފަރާތުން ހުށަހެޅުމުން ޣައިރު ހާޒިރުގައި އަމުރު ނެރެދިނުމަށް ހުރަސްއެޅޭ ފަދަ ހަގީގަތެއް އެމްއާރުއެމްގެ ފަރާތުން ހާމަނުކޮށް އޮތްކަން އީސީއަށް ބަޔާންކޮށްދެވިފައި ނެތް ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން، ޝަރީއަތުން ވަކި ގޮތެއް އަންގަންދެން، އީސީން އެމްއާރުއެމް އުވާލަން ނިންމި ނިންމުމަށް އަމަލެއް ނުކުރެވޭނެއެވެ.
އެމްއާރްއެމްއިން ޕްރައިމަރީއަށް ހުޅުވާލާފައިވާއިރު، ދަ ޑިމޮކްރެޓްސްއިން ވެސް އަންނަނީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔުމުގެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.