ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ރަނިން މޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާ ބޭފުޅެއްގެ ނަން އަންނަ ހުކުރު ދުވަހު ބާއްވާ އެ ޕާޓީގެ ޕްރައިމަރީއަށް ފަހު އިއުލާން ކުރައްވާނެ ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލްޔާސް ލަބީބް ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބުގައި އޭނާގެ ރަނިން މޭޓެއްގެ ގޮތުގައި ބޭފުޅަކު ކަނޑައެޅުމަށް ދެ ތިން ބޭފުޅަކާ ވާހަކަ ވެސް ދެއްކެވި ކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ ތެރެއިން ވަކި ބޭފުޅެއްގެ ނަން ހާމަކުރައްވާނީ އަންނަ ހުކުރު ދުވަހު ބާއްވާ ޕްރައިމަރީއަށް ފަހު ކަމަށެވެ.

"އަޅުގަނޑު ދެ ތިން ބޭފުޅެއްގެ ނަން ހިތު ލައިގެން މި ހުރީ. އަދި ދެ ތިން ބޭފުޅަކާ ވާހަކަ ވެސް ދެއްކިން. އަދި ގޮތެއް ނުނިންމަން." އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ރަނިން މޭޓަކީ ވަރަށް ގާބިލް، އަދި ދިވެހި ރައްޔިތުން ވެސް ބަލައިގަންނާނެ ބޭފުޅަކަށް ވާނެ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގެ ސިޔާސީ މައިދާނާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ރާއްޖެ މިހާރު މި އޮތް ހާލަތުން އަރައިގަނެ ޑިމޮކްރެޓްސްގެ ސިޔާސަތުތަކާ އެއްގޮތަށް ހެޔޮ ބަދަލެއް ގެންނަން ޖެހިއްޖެ ކަމަށެވެ.

ހުރިހާ ކަމަކީވެސް ޒަމާނާ އެއްގޮތަށް ބަދަލުވާ ކަންތައްތަކެއްކަން ފާހަގަ ކުރައްވައި އިލްޔާސް ވިދާޅުވީ، އެ ޕާޓީގައި އިސްކޮށް އުޅުއްވާ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ފަހަތަށް ޖެހިވަޑައިގެން ގައުމު ބިނާ ކުރުމުގެ މަސައްކަތުގައި އައު ޖީލަކަށް ފުރުސަތު ދެއްވީ ވަރަށް ބައިވަރު ސަބަބުތަކަކާއެކު ކަމަށެވެ.

ގައުމު ބިނާ ކުރުމުގައި އެންމެ އިސްކުރަން ޖެހޭނީ ޒުވާނުންގެ އަޑު ކަމާއި، ޑިމޮކްރެޓްސް އަކީ ޒުވާނުންނަށް ފުރުސަތު އޮތް ޕާޓީއެއް ކަން ވެސް އިލްޔާސް ފާހަގަކުރެއްވިއެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތި ލެއްވީ ހަމައެކަނި އިލްޔާސް ލަބީބްއެވެ. ޕާޓީގެ ޕްރައިމަރީ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ޕާޓީގެ 10 އިންސައްތަ މެންބަރުންގެ ތާއީދު ބޭނުންވާނެއެވެ.