26 Jul 2023, 13:51
ދިވެހީން ފަޚުރުވެރިވާ، ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މި ވީ ކަޅު އަނދިރިކަމާއި، ހިތްދަތިކަމާއި، ބަނަކަމުގެ އިހުސާސްތައް ކުރުވަމުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކޮށް ޕީޕީއެމުން ނެރުނު ބަޔާނުގައި އެ ޕާޓީން ވަނީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު ނަގާލައި، ދިވެހީންގެ މައްޗަށް އިންޑިއާގެ ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ބުނެ މިނިވަންކަމުގެ އިޙުސާސް ކުރެވޭތޯ ސުވާލު އުފައްދާފައެވެ.
އެގޮތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިސްވެ ހުރެ އިންޑިއާގެ އަތްމައްޗަށް ގައުމު ދީލާލައި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލެއްވި ކަމަށް ތުހުމަތުކޮށް އެ ޕާޓީން ބުނީ، މި ވެރިކަން ނިމުމަކަށް ގެނެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަނބުރާ ވެރިކަމަށް ގެނެސްގެން މެނުވީ ދިވެހީންގެ ގައުމު ދިވެހީންނަށް އަނބުރާ ހޯދޭނޭ ގޮތެއް ނެތް ކަމަށެވެ.
އަދި ދިވެހި ގައުމު އަޅުވެތިކަމުގެ ވިލާތަކެއްގެ ދަށުގައިވާ މި ހައްސާސް ވަގުތުގައި، ގައުމުގެ މަސްލަހަތު ދިފާއުކުރުމަށް އެންމެން އެކީ ބާރުލައި މަސައްކަތްކުރުމަށް އަތުގުޅާލުމަކީ، ރައީސް ޔާމީންގެ އެދިވަޑައިގަތުމެއް ކަމަށް ބުނެފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ އިދިކޮޅު ލީޑަރު ރައީސް ޔާމީން އާއި ލީޑާޝިޕް އަދި ސެނެޓު މެންބަރުންގެ ފަރާތުން މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.