މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު މިއަދު ކުއްލިގޮތަކަށް ބާއްވަން އުޅުއްވި ނޫސްވެރިންގެ ބައްދަލުވުން ފަހު ވަގުތު ކެންސަލް ކުރައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރާ ކަމަށް ވާހަކަދެކެވޭ ޑރ. މުއިއްޒު، ނޫސްވެރިންގެ ބައްދަލުވުމެއް އޭނާގެ ގޭގައި މިއަދު 2:30 ގައި ބާއްވަން ނިންމައި މީޑިއާތަކަށް ދައުވަތު ދިނެވެ.

ނަމަވެސް ފަހު ވަގުތު ވަނީ އެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކޮށްފައެވެ. މުއިއްޒުގެ ފަރާތުން އެންގީ ފަހުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ ކަމަށެވެ. ނަމަވެސް ކޮން ދުވަހަކު ކަމެއް އަދި ނާނގައެވެ.

މުއިއްޒު މި ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ވަނީ ވަރަށް ހަނިވެފައެވެ. އެހެންވެ އިދިކޮޅުގެ ރިޔާސީ ޓިކެޓް ދެން ލިބޭނެ ބޭފުޅަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެކަން ބޭނުންވާ ބޭފުޅުންގެ ތެރޭގައި ޑރ. މުއިއްޒު ހިމެނޭ ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް އޭނާ އެފަދަ ވާހަކައެއް ރަސްމީކޮށް އަދި ނުދައްކަވައެވެ.