31 Jul 2023, 21:40
ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ލިސްޓު އާންމު ކުރެވޭނެ ވަކި ތާރީޚެއް ނޭނގޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ޖުލައި މަހުގެ ނިޔަލަށް 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓާއި 'ގެދޮރިވެރިޔާ' ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމު ކުރާނެ ކަމަށެވެ.
އެކަމަކު، މަސް ނިމުނު އިރު، ލިސްޓު އާންމު ކޮށްފައެއް ނުވެއެވެ.
އެ ކަމާ ގުޅޭ ގޮތުން "ސަން" އިން ސުވާލު ކުރުމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ލިސްޓު އާންމު ނުކުރެވުނީ، ބައެއް މަސައްކަތްތައް ނުނިމި ވާތީ ކަމަށެވެ.
ނަމަވެސް އާންމުކުރަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ލިސްޓު އާންމު ކުރަން ކުރަން ޖެހޭ މަސައްކަތްތައް އަދި ވެސް ކުރިއަށް ދޭ އެބަ. އެހެން ވަކި ތާރީޚެއް އަދި ނޭނގޭ." އަކްރަމް ވިދާޅުވިއެވެ.
މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ގުޅީފަޅު ހިއްކައިގެން ދޫކުރާ ގޯއްޗާއި، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26ގައެވެ.

އެފްޑީސީ އިން ދައްކާލި ސާމްޕަލް އެޕާޓްމެންޓް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަމަވި އިރު، ޖުމްލަ 36،000 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ގޯއްޗަށް އެދި 15،164 ފޯމާއި، ތިން ކޮޓަރީގެ އެޕާޓްމަންޓަށް އެދި 14،489 ފޯމުގެ އިތުރުން ދެ ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމު ހުށަހަޅާފައިވެއެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ އެ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ނަންތައް މިދިޔަ މަސް ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ 26ގައި ސަރުކާރުން އާންމުކުރީ ހަމައެކަނި ގޯތި ލިބޭ މީހުންގެ ލިސްޓެވެ.
އެ ލިސްޓުގައި ގޯތި ލިބޭ ކަމަށް 10،314 މީހުންގެ ނަން ހިމަނާފައިވާއިރު، ލިސްޓުގައި ނުހިމެނޭ ނަމަވެސް ޝަރުތު ހަމަވާ 9،500އަށް ވުރެ ގިނަ މީހުންނަށް ވެސް ގޯތި ދޭން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން ސަރުކާރުން މީގެ ކުރިން ނިންމާފައި އޮތީ 5،000 ގޯތި ދޫކުރަން ނަމަވެސް މި މަހުގެ ދެވަނަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ އަދަދު 6،200 އަށް އިތުރުކޮށްފައިވާކަން އިއުލާންކުރައްވާފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އާއި އެންބީސީސީ އިންނެވެ. އެ ދެ ކުންފުނިން އަޅާ 32 ހައުސިން ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި، މީހުންނަށް ދިރިއުޅެވެން ފެށޭނީ 2025ގެ ތެރޭގައި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވަނީ ބުނެފައެވެ.