ދާދިފަހުން އެކްޓަރު ސިދާތް މަލްހޯތްރާއާ ކައިވެނިކުރި ފިލްމީ ބަތަލާ ކިއާރާގެ އެދުމަކީ އެއް މާބަނޑު ދެކުދިން ލިބުންކަމަށް ބަތަލާ ބުނެފިއެވެ.

ކިއާރާ ދާދިފަހުން އިވެންޓަކުން ފެނުމުން ބަތަލާ ބަލިވެއިންކަމަށްވެސް މީޑިއާ ރިޕޯޓުތަކުންވަނީ ތުހުމަތުކޮށްފައެވެ. އެއްމާބަނޑު ދެ ކުދިން ލިބުމަށް ކިއާރާ އެދޭކަމަށް ބުނެފައިވަނީ، ބަތަލާގެ ފިލްމު "ގުޑް ނިވްސް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގެތެރޭގައެވެ. މިއީ ކިއާރާއާއި ސިދާތުގެ ކައިވެނިކުރުމުގެ މާކުރިން ބަތަލާގެ ޚިޔާލުހުރިގޮތެވެ. ފިލްމު "ގުޑް ނިވްސް"އަކީ ބަތަލާ މާބަނޑު މީހެއްގެ ރޯލް ކުޅުނު ފިލްމެކެވެ.

މަންމައަކަށްވުމަކީ ދުނިޔެމަތީގައި ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުންކަމަށާއި މާބަނޑު ދުވަސްވަރު ބޭނުން ކޮންމެ އެއްޗެއް ކެއުމުގެ ފުރުސަތު ލިބުމަކީވެސް ލިބޭނެ އެންމެބޮޑު އުފާކަމަށް ކިއާރާވަނީ ބުނެފައެވެ.

ކިއާރާ މަންމައަކަށްވާތަން ދެކެން ބޭނުންވާ ސަޕޯޓަރުން ގިނަވިނަމަވެސް ސިދާތުއާއި ކިއާރާގެ ސަމާލުކަން މިވަގުތުހުރީ ފިލްމީ ކެރިއަރަށްކަމަށް ދެ ތަރިންވަނީ ބުނެފައެވެ. ކިއާރާއާއި ސިދާތު ދާދިފަހުންވަނީ ބަތަލާގެ 31ވަނަ އުފަންދުވަސް ފާހަގަކުރުމަށް އިޓަލީއަށް ދަތުރުކޮށްފައެވެ. ދެމަފިރިން އެކީގައި އިޓަލީގެ ކަޕްރީގައި ނަގާފައިވާ ވީޑިއޯތަކެއް ކިއާރާވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.

ކިއާރާ އެންމެ ފަހުން ފެނިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 29ގައި ރިލީޒްވި ފިލްމު "ސަތުޔަ ޕްރޭމްކީ ކަތާ"އިންނެވެ. ކިއާރާއާއެކު ކާތިކް އާރްޔަން ލީޑް ރޯލްއިން ފެނުނު މިފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއްވަނީ ލިބިފައެވެ.

ކިއާރާވަނީ ތެލުގޫ ފިލްމު "ގޭމް ޗޭންޖާ"ގެ ނަމުގައި އުފައްދާ ފިލްމަކަށް ސޮއިކޮށްފައެވެ. މީގެއިތުރުން "ބޫލް ބުލައްޔާ3"އަށްވެސް ކާތިކްއާއެކު ކިއާރާ ސޮއިކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ސިދާތުއާއި ކިއާރާ އެކީގައިވެސް ރަސްމީކޮށް އަދި އިއުލާނު ނުކުރާ ފިލްމަކަށް ސޮއިކުރިކަމަށްވެސް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.