އުރީދޫން ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ބިނާ ކޮށްފައިވާ އޮފީސް އިމާރާތް އަންނަ މަހު ހުޅުވާނެކަން އިއުލާނު ކޮށްފިއެވެ.

އެ ކުންފުނީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ މަސައްކަތްތައް އެއްކޮށް ނިމިފައިވާ އެ އިމާރާތަށް މި މަހު އެ ކުންފުނީގެ އޮފީސް ބަދަލު ކުރާނެ ކަމަށެވެ.

އަދި، އަންނަ މަހު އެ އިމާރާތް ރަސްމީކޮށް ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ބިލްޑިންއަކީ އަޅުގަނޑުމެން ބޭނުންތަކަށް ވަރަށް ބޮޑަށް ކަސްޓަމައިޒް ކޮށްފައިވާ ތަނެއް" އޭނާ ވިދާޅުވިއެވެ.

ޚާލިދު ވިދާޅުވި ގޮތުގައި އާ އިމާރާތުގެ ފުރާޅުން ސޯލާ ހަކަތައިން ކަރަންޓު އުފެއްދޭނެއެވެ. އަދި، ބިމުގެ ހަ މީޓަރު އަޑިއަށް ބޭސްމެންޓުގެ ދެ ފަންގިފިލާ ވަނީ ހަދާފައެވެ.

ޗައިނާގެ ސީސީއީސީ ކުންފުންޏާ ހަވާލުކޮށްގެން ބިނާކުރި އެ އިމާރާތުގައި ބޭސްމެންޓު ހިމެނޭހެން 11 ބުރި ހުރެއެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް އެޅުމަށް ހުޅުމާލޭ ފިޔަވަހި އެކަކުން ބިން ދިނީ 2017 ވަނަ އަހަރުގެ މާޗު މަހުއެވެ. އިމާރާތުގެ ޑިޒައިން ދައްކާލައި ބިންގާ އަޅާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. އަދި، އިމާރާތުގެ މަސައްކަތްތައް ފެށީ 2019ވަނަ އަހަރުގެ ތެރޭގައެވެ.

އަހަރު ނިމުމުގެ ކުރިން "ޕީސް" ކޭބަލް ކުޅުދުއްފުއްޓަށް

އެ ކުންފުނީގެ އިތުރު މަޝްރޫއުތަކުގެ ތެރެއިން، ކުޅުދުއްފުއްޓާއި ސިންގަޕޫރު އަދި ޔޫރަޕާ ގުޅުވާލާ "ޕީސް" ކޭބަލް މި އަހަރުގެ ފަހު ކުއާޓަރުގައި ކުޅުދުއްފުއްޓާ ގުޅާލެވޭނެ ކަމަށް އަމީރީ ވިދާޅުވިއެވެ.

"މީގެ ސަބަބުން ލޯ ލޭޓެންސީތަކަށް ސަޕޯޓު ކުރުމުގައި އަޅުގަނޑުމެންގެ ކެޕޭސިޓީ އެތައް ތަނަކުން އިތުރުވާނެ. އަދި، ރާއްޖޭގެ [ކާބަން] އެމިޝަންސް ދަށްކުރުމަށް އެހީއަކަށް ވާނެ" އޭނާ ވިދާޅުވިއެވެ.

މި ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް އުރީދޫން ބުނެއެވެ.

އެ ކޭބަލްގެ ކަނެކްޝަންގެ ތެރެއިން ޔޫރަޕުގެ 15 ގައުމެއްގެ އިތުރުން އިރުމަތީ އެފްރިކާ އާއި ވެސް ރާއްޖެ ގުޅާލެވޭނެއެވެ. އެ މަޝްރޫއު އުރީދޫއިން އިއުލާނު ކުރީ 2021ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.