ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

މިއަދު ހެނދުނު ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތްކަން އެ ކޯޓުގެ މީޑިއާ އޮފިޝަލް ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ޖަލުގައި އޮންނަވައިގެން ޔާމީން ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، ޕީޕީއެމުން އިއްޔެ ވަނީ އެ ފޯމު އީސީއާ ހަވާލުކޮށްފައެވެ. އެކަމަކު، އީސީން ނިންމީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާށެވެ.

ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް އީސީން ނިންމާފައިވަނީ، ޔާމީން މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ގައި ބަޔާންކުރާ ޝަރުތު ހަމަނުވާ ކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ, އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައި ވުން ހިމެނެއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ބެހޭ ގޮތުން ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ސަރުކާރުން ނުފޫޒު ބޭނުން ކޮށްގެން ޔާމީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި މިހާރު އެ ކުރައްވަނީ އެ ހައްގުތައް އަނބުރާ ހޯދުމުގެ މަސައްކަތް ކަމަށެވެ.

އިންތިޚާބުގައި ވާދަ ނުކުރެއްވިދާނެ ހާލަތަކަށް ބަލައި، ޔާމީން އިއްޔެ ވަނީ ޕީއެންސީގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕަށް އިރުޝާދު ދެއްވައިފައެވެ. އެހެންވެ، ކެންޑިޑޭޓެއް ކަނޑައެޅުމުގެ މަސައްކަތް އެ ޕާޓީގެ ސެނެޓުން މިހާރު އަންނަނީ ކުރަމުންނެވެ.