03 Aug 2023, 08:37
އިންޑިއާގެ ކެރެލާ ސްޓޭޓްއަށް ނިސްބަތްވާ އަންހެނުންތަކަކަށް ލޮޓަރީގެ ގޮތުގައި 1.2 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ ކާމިޔާބުކުރެވިއްޖެއެވެ. ޖުމްލާ 11 އަންހެނުން ހިމެނޭ މި ގްރޫޕަކީ، ކެރެލާގެ ޓައުން ޕަރައްޕަނަންގަޑީގެ ގެތަކުން އުކާލާ ކުނި އެއްކުރާ ގްރޫޕެކެވެ.
ވޭތުވެދިޔަ ހަފުތާގެ ތެރޭގައި 100 މިލިއަން އިންޑިއާ ރުޕީސްގެ ލޮޓަރީއެއް ކާމިޔާބުވި މި ގްރޫޕުގެ އަންހެނުންނަށް ދުވާލެއްގެ މައްޗަށް ލިބޭ ފައިސާގެ ޢަދަދަކީ އެންމެ 250 ރުޕީސްއެވެ.
ދުވާލެއްގެ މައްޗަށް ލިބޭ ފައިސާއިން އާއްމު ދިރިއުޅުމުގެ ކަންތައްތައް ދެކޮޅު ނުޖެހޭތީވެ މި ސަރަޙައްދުގައި މަސައްކަތް ކުރާ މިކަހަލަ ގިނަ ގްރޫޕްތަކުން ލޮޓަރީ ޓިކެޓު ގަނެ އޭގައި ބައިވެރިވުމަކީ އާއްމު ކަމެކެވެ. މި ފަހަރުގެ ލޮޓަރީއިން ފައިސާގެ ބޮޑު އަދަދެއް ދިމާވި ގްރޫޕަށް ނިސްބަތްވާ ބައެއް ފަރާތްތަކަކީ، މިހާރު ވެސް އާއިލާގެ ބޭނުންތައް ފުއްދުމަށް ބޮޑެތި ލޯނުތައް ނަގައިގެން ދަރަނި އަދާކުރުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ މީހުންނެވެ.
އޭގެތެރޭގައި، އަމިއްލަ ދަރިންގެ ކިޔެވުމަށް ޚަރަދުކުރުމާއި ދިރިއުޅުމުގެ އެހެނިހެން ޒަރޫރީ ބޭނުންތައް ހިމެނެއެވެ.
ވޭތުވެދިޔަ ޖުލައި މަހުތެރޭ 250 ރުޕީސްގެ ޓިކެޓެއް ގަތުމަށް ފަހު 11 މީހުން ހިމެނޭ ގްރޫޕުން ލޮޓަރީއަށް ހުށަހެޅީ މާ ބޮޑު އަދަދެއް ދިމާވާނެ ކަމަށް އުއްމީދު ކޮށްގެނެއް ނޫނެވެ. ސަބަބަކީ، ބައެއް ފަހަރު ލޮޓަރީއަށް ހުށަހަޅައިގެން 1000 ރުޕީސް ވެސް އެ މީހުންނަށް ލިބިފައިވުމުން އެއީ ވެސް ލިބޭ އާމްދަނީއަށް އިތުރުވާ އަދަދަކަށްވުމެވެ.
މި ފަހަރުގެ ލޮޓަރީއަށް މިއިން ކޮންމެ މެންބަރެއް ވެސް ވަކި އަދަދެއް ހުށަހަޅާފައިވާއިރު ބައެއް ފަރާތްތަކުން 12.5 ރުޕީސް ވެސް ހުށަހަޅާފައިވެއެވެ.
އެ މީހުންނަށް ލިބުނު ފައިސާއިން އެއްބަޔަކު ދިރިއުޅޭނެ ރަގަޅު ފެންވަރުގެ ގެއެއް ބިނާކުރުމަށް ނިންމާފައިވާއިރު އަނެއް ބަޔަކު ބުނެފައިވަނީ ދަރިންގެ ކިޔެވުމަށް ހަރަދުކުރަން ނެގި ދަރަނިތައް އަދާކުރުމަށް ނިންމާފައިވާ ކަމަށެވެ.
ލިބުނު ފައިސާއިން ސަރުކާރަށް ޓެކްސް ދެއްކުމަށް ފަހު މި ގްރޫޕަށް 63 މިލިއަން ރުޕީސް ލިބޭނެ ކަމަށާއި އެ ފައިސާ 11 މީހުންގެ މެދުގައި ހަމަ ހަމައަށް ބަހާލުމަށް ނިންމާފައިވާ ކަމަށް ވެސް މި ގުރޫޕަށް ނިސްބަތްވާ މިސް ކުއްތިލަމޫ ވަނީ ބުނެފައެވެ.
ބޮޑު ފައިސާގެ އަދަދެއް ލޮޓަރީން ދިމާވި ނަމަވެސް އެ މީހުން ކުރަމުންއައި ސާފުކުރުމުގެ މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށް މި ގްރޫޕުގެ ހުރިހާ މެންބަރުން ވެސް ވަނީ ނިންމާފައެވެ. އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ލޮޓަރީގައި ބައިވެރިވުމަކީ ގާނޫނާއި ޚިލާފުކަމެއް ނަމަވެސް ކެރެލާ ސަރުކާރުން ވެސް މިފަދަ މަޝްހޫރު ޕްރޮގްރާމްތައް ހިންގައެވެ. ނަމަވެސް ޕްރައިވެޓް ލޮޓަރީ ޕްރޮގްރާމްތައް މިސްޓޭޓްގައި ހިންގުމަކީ މަނާކަމެކެވެ.