02 Aug 2023, 22:43
ބޮޑުތިލަދުންމަތި ތަރައްގީކުރުމުގެ ވިޝަން އޮތީ އެމްޑީޕީގެ ސަރުކާރުގައިކަމަށާއި ދެން ވެސް އެ ކަން ކުރާނީ މި ސަރުކާރުންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ހދ. ހަނިމާދޫގައި ބޭއްވި ރައީސްގެ ކެމްޕޭން ޖަލްސާގަައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ގެންނަ ބަދަލަކީ ބޮޑު ބަދަލެއްކަމަށެވެ.
އެ ބަދަލުގެ އަސަރު މުޅި މި ސަރަހައްދަށް ކުރާނެކަމާމެދު ޝައްކުނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ހަނިމާދުއަކީ އެ ބަދަލުގެ މައި ދޮރުކަން ފާހަގަކުރައްވައި ރައީސްވަނީ އެ ރަށުން ވެސް ބޮޑު ބަދަލެއް ފެންނަމުން އަންނާނެކަމަށް ވިދާޅުވެފައެވެ.
"މި އަންނަނީ ބޮޑު ބަދަލެއް. ހަނިމާދޫއަށް ބޮޑު ބަދަލެއް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ބޮޑުތިލަދުންމަތީގައި އެއްފަހަރާ ގިނަ މަޝްރޫއުތަކެއް ހިންގަން ޖެހުނީ ކުރީގެ ސަރުކާރުތަކުން ރަށްތަކަށް ތަރައްގީ ނުގެނެސް ބާކީކޮށްލައިފައި އޮތުމުން ކަމަށެވެ.
"ދަންނަވަންތޯ، މި މަސައްކަތް ކުރެވުނީ ރޭވުންތެރިކަމާއެކު މަސައްކަތްތަކެއް ކޮށްގެން. ހަނިމާދުއަކީ ޒަމާނުއްސުރެ ބޮޑުތިލަދުންމަތީގެ އެއް މަރުކަޒު. މީގެ 500 އަހަރު ކުރިއަށް ބަލާއިރު ވެސް ކަން އޮތީ މި ގޮތަށް،" ރައީސް ވިދާޅުވިއެވެ.
ރައީީސް ވިދާޅުވީ މީގެ 32 އަހަރުކުރިން ތަރައްގީކުރި އެ ރަށުގެ އެއާޕޯޓާއެކު ބޮޑު ބަދަލެއްގެ އުންމީދުކުރެވުނު ނަަމަވެސް އެ ބަދަލު ފެނިފައި ނުވާކަމަށެވެ.
އެގޮތުން ކުރީ ސަރުކާރުން ކުރި ހަމައެކަނި ކަމަކީ އެއާޕޯޓުގެ ނަން ބޯޑު 'އިންޓަނޭޝަނަލް'އަށް ބަދަލުކޮށްލުންކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު އެ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށައިފައިވާއިރު، 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓު ތަރައްގީވުމުން މުޅި އުތުރުގައި އިގްތިސާދީ ގޮތުން ނަފާވެރިކަން ފެތުރޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ސިޔާސީ ހަލަބޮލިކަމާ ދުރުން މަސައްކަތްކުރުމުން ތަަރައްގީގެ ބޮޑެތި މަސައްކަތްތައް ހިންގޭނެކަމަށެވެ. އަދި ކުރީ ސަރުކާރުގައި ހދ. އަތޮޅުގައި 73 މަޝްރޫއު ހިންގިއިރު މި ދައުރުގައި 200އަށްވުރެ ގިނަ މަޝްރޫއު މުޅި ހދ. އަތޮޅުގައި ކުރިއަށް ގެންދެވުނީ އެ ސަބަބާ ހެދި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕީޕީއެމްގެ ސިޔާސަތު މައިގަނޑު ގޮތެއްގައި ބައްޓަންވެފައި އޮތީ މިނިވަންކަން ކުޑަކުރުމަށްކަމަށެވެ. އަދި މަރުކަޒުކޮށް އެއް ތަނަކަށް މީހުން ޖަމާކުރުމަކީ ޕީޕީއެމްގެ ސިޔާސަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޕީޕީއެމުން ކޮންމެ މީހަކު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނު ނަމަވެސް ތަންފީޒުކުރާނީ ޕީޕީއެމްގެ ސިޔާސަތު. މި ބޮޑުތިލަދުންމައްޗަށް ދެން ވެސް ބަދަލު ގެންނާނީ އަޅުގަނޑުމެން،" ރައީސް ވިދާޅުވިއެވެ.
ހަނިމާދުއަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް
ނުހެދި ހުރި ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހެދުން
- ހުރިހާ ކުޅިވަރެއް ކުޅެވޭހެން ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދިނުން.
- ފުޓުބޯޅަ ދަނޑު ޒަމާނީކުރުން
- ހައުސިން ޔުނިޓު އަޅައިދިނުން