ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދު ރާއްޖެތެރެއާއި ދެކުނު ހިމެނޭ ސަރަހައްދުގައި ހިމެނޭ ރަށްތަކުގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އެރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މާލޭގެ ބައެއް ސަރަހައްދުތަކަށް ވެސް އުދައިގެ އަސަރު މިއަދު ކުރި އިރު، ދިޔަވަރު ބޮޑުވި ވަގުތު އެރި ބޮޑު ރާޅެއްގައި ސައިކަލުތަކަށް ވަނީ ގެއްލުންތައް ލިބިފައެވެ. އަދި ހަ މީހަކަށް އެކި ވަރުގެ ކުދި އަނިޔާ ލިބުނެވެ.

https://sun.mv/180414

އޮފިޝަލް ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުކޮށް ހުރި ގަޑީގައި ވެސް އެ ސަރަހައްދަށް އުދައިގެ އަސަރު ކުރި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އުދަ އާރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ. އެއީ 15:30 އިން ފެށިގެން 18:30 އާ ހަމައަށެވެ. އެ ވަގުތު މިހާރު ހަމަވެފައިވާއިރު، އެލާޓްގެ ވަގުތު އޭގެ ފަހުން އިތުރުކޮށްފައެއް އަދި ނުވެއެވެ.

އުދަ އަރާ ވަގުތުތަކުގައި ޢާއްމުކޮށް ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ޚާއްސަ ސަމާލުކަން ދިނުމަށް ކަމާބެހޭ މުއައްސަސާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

މާލެއަށާއި ރާއްޖެތެރޭ ބައެއް ރަށްރަށަށް ވެސް ދިވަޔަރު ބޮޑުވާ ވަގުތުތަކުގައި މިއަދު އަންނަނީ ވަރަށް ބޮޑަށް އުދަރަމުންނެވެ.