07 Aug 2023, 20:53
ރިޔާސީ އިންތިޚާބަަށް ނުކުމެވަަޑައިގަންނަވަނީ ކާމިޔާބުކުރެއްވޭނެކަމުގެ ވަރަށް ބޮޑު އުންމީދަކާ އެކު ކަމަށް އަމިއްލަގޮތުން ރިޔާސީ ރޭހަށް ނުކުމެވަަޑައިގަންނަވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ކެންޑިޑެސީ ފޯމު ހުށަހެޅުއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވާ ފާރިސް ވިދާޅުވީ އޭނާއަކީ އަންދާސީ ހިސާބުތަކެއް ޖަހައިގެން މަސައްކަތް ކުރާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ތެދުވެރި އިޚްލާސްތެރި މަސައްކަތެއް ކުރައްވާ ގާބިލިއްޔަތު ތަން ދިން ވަރަކުން މަސައްކަތް ކުރެއްވިއްޖެނަމަ ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މުޅި އިންތިހާބު ވެސް ކާމިޔާބުކުރުމުގެ އުންމީދާއެކު މި ނުކުންނަނީ،" ފާރިސް ވިދާޅުވިއެވެ.
މިދިޔަ ދުވަސްތަކުގައި ގިނަ ބަޔަކާ ބައްދަލުވެއްޖެ ކަމަށާއި ދެތިން ހާހެއްހާ މީހުންނާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބިއްޖެކަމަށް ވެސް ފާރިސް ވިދާޅުވިއެވެ. އަދި ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން ސިޔާސީ ނިޒާމު އޮތް ގޮތާމެދު އެބައޮތް ކަމަށާއި އެ ހުރިހާ ކަމެއް ހައްލުކޮށްދިނުމަކީ އަމާޒު ކަމަށް ވިދާޅުވިއެވެ.
"ވަކި މައްސަލައެއްގައި ވަކި ބޭފުޅަކަށް ޓާގެޓްކޮށްގެން މަސައްކަތް ކުރުމެއް ނޫން، އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރުމެއް ނޫން އަމާޒަކީ. ބޭނުންވަނީ ސިޔާސަތުތައް. ހަރުދަނާ އުސޫލުތައް. މުހިންމު މުއައްސަސާތައް ބާރުވެރި ކުރުވުން. ރައްޔިތުން ބާރުވެރިކުރުވުން،" ފާރިސް ވިދާޅުވިއެވެ.
އެންމެ ޗެލެންޖިން ކެންޑިޑޭޓަކީ ކޮބާތޯ ސުވާލުކުރުމުން، ފާރިސް ވިދާޅުވީ ވަކި ކެންޑިޑޭޓެއް ދަންނަވަން ނޭނގޭ ކަމަށާއި ހުރިހާ ކެނޑިޑޭޓުން ވެސް ވަރަށް ވަރުގަދަ ކަމަށެވެ. އަދި ވަރަށް ތާއީދު ބޮޑު ކެންޑިޑޭޓުން ވެސް އެބަތިބި ކަމަށް ވިދާޅުވިއެވެ.
ފާރިސްގެ ރަނިންމޭޓަކަށް ކަނޑައަޅައިފައިވަނީ ޑރ. އަބްދުއްސައްތާރު ޔޫސުފްއެވެ.
ވެރިކަން ލިބިވަަޑައިގަތުމަށްފަހު މަސައްކަތްކުރައްވާނީ ބައްފާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ލަފާފުޅުގެ ދަށުންތޯ ސުވާލުކުރުމުން ފާރިސް ވިދާޅުވީ އެ ކަމަށް އެއްޗެއް ދަންނަވަން ނެތް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އެންމެ ގާބިލް، ތަޖުރިބާކާރު އެންމެ ކުޅަދާނަ ބޭފުޅުންގެ އަޑު އަހާނެ ކަމަށް ވިދާޅުވިއެވެ. އޭނާގެ ރަނިންމޭޓަކީ ވެސް އެފަދަ ގާބިލު ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިހާބަށް ކުރިމަތިލީ ފަސޭހަކަމަކަށް ވެގެން ނޫންކަމަށާއި މިއީ އުނދަގޫ ކަމެއްކަން އެނގިވަަޑައިގަންނަވާކަމަށް ވެސް ފާރިސް ވިދާޅުވިއެވެ. ނަމަވެސް، ހިކުމަތްތެރިކަމާއެކު ވަރަށް ގިނަ ބަަޔަކު އެކުގައި މަސައްކަތްކޮށްގެން ކާމިޔާބު ވާނެ ކަމަށް ވިދާޅުވިއެވެ.