މި އަހަރުގެ ބައިނަލްއަޤްވާމީ ރަޙްމަތްތެރިންގެ ދުވަހާ ގުޅުވައިގެން ބަތަލާ ދިޕިކާ ޕަދުކޯން ވަނީ ސަޕޯޓަރުންނަށް ވަރަށް ހާއްސަ މެސެޖެއްދީފައެވެ. ދިޕިކާގެ ހަޔާތުގެ އެންމެ ގާތް ރަޙްމަތްތެރިޔާ ނުވަތަ ބެސްޓް ފްރެންޑްއަކީ ފިރިމީހާ ރަންވީރު ސިންގްކަމަށާއި ކައިވެނިކުރަން ކަނޑައަޅާ ބައިވެރިޔާއަކީ ހަޔާތުގެ ގާތް އެކުވެރިޔާކަމަށް ހެދުމަށް ދިޕިކާ ވަނީ ސަޕޯޓަރުންނަށް ނަސޭހަތްތެރިވެފައެވެ.

އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރި ދިގު ޕޯސްޓުގައި ބަތަލާ ބުނީ، ގާތް ރަޙްމަތްތެރިޔާއާ ކައިވެނިކުރުމަށް އަބަދުވެސް ނަސޭހަތްތެރި ވާނެ ކަމަށާއި އޭގައި ވަރަށް ގިނަ ސިއްރުތަކެއް ފޮރުވިފައިވާ ކަމަށެވެ. އެގޮތުން ޙަޔާތުގެ ބައިވެރިޔާކަމަށް ކަނޑައަޅާ ފަރާތަކީ ގާތް ރަޙްމަތްތެރިޔާއަށް ވެއްޖެނަމަ ދެ މީހުންގެ ގުޅުން ވަރުގަދަވެފައި އުފާވެރިކަން އިތުރުވެގެން ދާނެކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެކީގައި ދިރިއުޅޭ ބައިވެރިޔާއަކީ ދެ މީހުންނަށް ދިމާވާ ކޫސަނި ކަންތައްތަކުގައި ވެސް އެކީގައި ހީލާ ސަމާސާ ކުރެވޭނެ ފަރާތަކަށް ވާންޖެހޭނެ ކަމަށް ދިޕިކާ ވަނީ ބުނެފައެވެ. ހަމައެއާއެކު ދިރިއުޅުމުގައި ދިމާވާ ކަންތައްތަކަށް ފާޑުކިޔުމާއެކު އެ ފާޑުކިޔުންތައް ބަލައިގަނެވޭނީ ދެ މީހުންގެ ގުޅުމުގައި ރަޙްމަތްތެރިކަމުގެ ގުޅުން އޮވެއްޖެ ނަމަކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެކަކު އަނެކަކަށް ނަފުރަތު ކުރުމަށް ހަޔާތަކީ ވަރަށް ކުރު އެއްޗެއްކަމަށާއި ހަޔާތުގެ ބައިވެރިޔާއަކީ ތިމާގެ ހަޤީޤީ އެކުވެރިޔާކަމަށް ވެއްޖެނަމަ އެކަކު އަނެކަކަށް ދެރައެއް ދިނުމަށް އަދި ދެރައެއް ލިބުމަށްވެސް ނޭދޭނެ ކަމަށާއި މިއީ ހުރިހާ ގޮތަކުން ވެސް ދިރިއުޅުން އުފާވެރިވާނެ ކަމެއް ކަމަށް ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ.

ދިޕިކާ އެކްޓަރު ރަންވީރު ސިންގްއާ ކައިވެނިކޮށްފައި ވަނީ ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2018ވަނަ އަހަރުއެވެ. ކައިވެނިކުރުމުގެ ކުރިންވެސް ދެ ތަރިން ވަނީ އެކީގައި ކާމިޔާބު ފިލްމުތައް ކުޅެފައެވެ. އޭގެތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ބަޖިރާއޯ މަސްތާނީ" އަދި "ޕަދުމަވާތު" ހިމެނެއެވެ. ރަންވީރު ސިންގްއާއި ދިޕިކާއަކީ ބޮލީވުޑް ދެމަފިރިންގެތެރެއިން އެންމެ މަގުބޫލު ޖޯޑެވެ.