08 Aug 2023, 13:00
މިއަދު އާންމުކުރި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން އެންމެ ގިނަ ބަޔަކު ޑިސްކޮލިފައިވެފައިވަނީ މާލޭގައި 15 އަހަރު މެދު ނުކެނޑި އުޅުމުގެ ޝަރުތު ހަމަނުވުމުންކަން ހާމަވެއްޖެއެވެ.
މިއަދު އާންމުކުރިލިސްޓުގައި5،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަ ނުވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ، ފްލެޓުދޭ އުސޫލުގެ ތިންވަނަ މާއްދާގެ އަކުރު ނ، ގައި ބަޔާން ކުރާ ޝަރުތު ހަމަނުވާތީ ޑިސްކޮލިފައިވި މީހުންނެވެ.
އެ މާއްދާގައި ބަޔާން ކުރަނީ ފްލެޓަށް އެދޭ މީހާއަކީ، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ މީހެއް ނުވަތަ، މާލޭގައި މެދުނުކެނޑި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.
އެ ޝަރުތު ފުރިހަމަ ވުމަށްޓަކައި، މާލޭގައި މެދުނުކެނޑި އުޅޭތާ ނުވަތަ ރަށްވެހިކަން ލިބުނުތާ 15 އަހަރުވެފައިވާ ކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހެއެވެ.
ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. އެއީ މިއަދުން ފެށިގެން މިމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް، ގެދޮރުވެރިންގެ ޕޯޓަލް މެދުވެރިކޮށެވެ. އެ މުއްދަތުގައި ޝަރުތު ހަމަ ނުވާ ހުރިހާ މީހުންނަށް ވެސް އެކަމުގެ ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
މިއަދު ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރި އިރު، ސަރުކާރުން ނިންމަވާފައިވަނީ ޝަރުތުހަމަވާ އެންމެންނަށް ފްލެޓު ދިނުމަށެވެ.
މިއަދު ޕްލޭނިން މިނިސްޓްރީން އާންމު ކުރި ފްލެޓް ލިސްޓުގައި 20،697 މީހަކު ލިސްޓުކޮށްފައިވެއެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް ލާފައިވަނީ 6،208 މީހުންނެވެ. އަދި ތިން ކޮޓަރީގެ ފްލެޓަށް އެދިފައި ވަނީ 14،489 މީހުންނެވެ.
އެ ލިސްޓުން ދައްކާ ގޮތުގައި ފްލެޓަށް އެދުނު މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 4،319 މީހުންނާއި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 10،727 މީހުން ހިމެނެއެވެ. އެ އެންމެންނަށް ދިނުމަށް ޖުމްލަ 13،500 ފްލެޓް އިމާރާތްކުރަން ޖެހޭނެއެވެ.