މިހާތަނަށް އުފެދުނު އެންމެ ބޮޑު އަންހެން ގްރޫޕު ކަމަށްވާ "ބްލެކްޕިންކް"ގެ މެންބަރު ކިމް ޖިސޫގެ ވަރަށް ބޮޑު އުފާވެރި ޚަބަރެއް އެބައޮތް ކަމަށް ހާމަކޮށްފިއެވެ.

ދާދި ފަހުން ކޮރިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޖިސޫ ބުނެފައިވަނީ އޭނާގެ ހަޔާތާ ގުޅޭ ވަރަށް އުފާވެރި ޚަބަރެއް ހިއްސާ ކުރަން އެބަ އޮތް ކަމަށެވެ. ނަމަވެސް އެއީ މި ވަގުތަށް އަދި ސިއްރެއް ކަމަށް ޖިސޫ ފާހަގަކުރިއެވެ.

ނަމަވެސް ވަރަށް އަވަހަށް މި ވާހަކަ ހިއްސާ ކުރަން ބޭނުންވާ ކަމަށް ވެސް ޖިސޫ ފާހަގަކުރިއެވެ.

ޖިސޫގެ މި ވާހަކަ އާންމުވެފައިވަނީ އޭނާ މިހާރު ސިންގަލް ނޫން ކަމަށް އިއުލާނު ކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް އެވެ. ދާދިފަހުން ޖިސޫ ހާމަކޮށްފައިވަނީ ދެކުނު ކޮރިއާގެ އެކްޓަރު އާން ބޯޔުން އާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށެވެ.

ދެ މީހުން ގުޅިފައިވާއިރު އެ ދެމީހުން ދިމާވެފައިވަނީ ކިހިނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މި ވާހަކަ ޖިސޫ ހާމަކޮށްފައިވަނީ އޭނާ ލީޑުން ފެނުނު ޝޯއެއްގައި އެކީ މަސައްކަތް ކުރި އެހެން އެކްޓަރަކާއެކު އޭނާ ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ.

ޖިސޫ މި ވާހަކަ ދާދިފަހުން އިއުލާނު ކުރުމުން ފޭނުން ވިސްނަނީ އެ އުފާވެރި ވާހަކައަކީ ކޮން ވާހަކައެއް ކަމާ މެދުގައެވެ. އެއްބައި މީހުން ގަބޫލު ކުރާގޮތުގައި ޖިސޫ އުޅެނީ އޭނާގެ ކައިވެނީގެ ވާހަކަ އިއުލާނު ކުރާށެވެ.

ބްލެކްޕިންކްގެ ހަތަރު މެމްބަރުންގެ ތެރެއިން މީހަކާ ރަށްޓެހިވެގެން އުޅޭ ކަމަށް އިއުލާނުކުރި މިއީ ފުރަތަމަ ތަރިއެވެ. ނަމަވެސް ޖިސޫގެ ކުރީން ވެސް އެ ގްރޫޕްގެ މެމްބަރެއް ކަމަށްވާ ޖެނީ ކިމް މީހަކާ ރަށްޓެހިވެގެން އުޅޭ ކަމަށް ވާހަކަ ދެކެވުނެވެ. މި ވާހަކަ ކަށަވަރު ކޮށްދީފައެއް ނުވެއެވެ.