09 Aug 2023, 16:55
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށްފިއެވެ.
މިއަދު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރީ ގުރުއަތު ނަގައިގެންނެވެ. ނަންތައް ތަރުތީބުވީ ގޮތަކީ؛
އުމަރު ނަސީރު - އަމިއްލަ
- ހަސަން ޒަމީލް - އަމިއްލަ
- ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު - އެމްޑީޕީ
- ޑރ. މުޙައްމަދު މުއިއްޒު - ޕީއެންސީ
- ޤާސިމް އިބްރާހީމް - ޖުމްހޫރީ ޕާޓީ
- އަހްމަދު ފާރިސް މައުމޫން - އަމިއްލަ
- އިލްޔާސް ލަބީބް - ދަ ޑިމޮކްރެޓްސް
- މުޙައްމަދު ނާޒިމް - އެމްއެންޕީ
އިންތިޚާބަށް ފުރުސަތު ހުޅުވާލުމުން އެންމެ ފުރަތަމަ ފޯމު ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެކަމަކު، ވ. އާރަށް މައްސަލައިގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާގެ ސަބަބުން އެ މަނިކުފާނަށް ވާދަ ނުކުރެވޭނެ ކަމަށް ނިންމައި، އީސީން އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތީއެވެ.
އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅުއްވިއެވެ. އެކަމަކު، ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އިންތިޚާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށެވެ.
އެއަށް ފަހު، ފޯމު ހުށަހަޅުއްވާފައިވަނީ ދެވަނަ ދައުރަކަށް ކޯލިޝަނަކާ އެކު ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ. އެ މަނިކުފާނުގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
މި އިންތިޚާބުގައި ވާދަ ކުރައްވަން އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް ވަނީ ކެންޑިޑެސީ ހުށަހަޅުއްވައިފައެވެ. އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޑރ. އަހުމަދު އަދީލް ނަސީރެވެ.
އެންމެ ގިނަ ކެންޑިޑޭޓުން ފޯމު ލާފައިވަނީ މިއަދެވެ. އެގޮތުން މިއަދު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ފޯމު ހުށަހަޅުއްވައިފައެވެ. އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.
އޭގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ފަރާތުން އިންތިޚާބަށް ނުކުންނަވާ ގާސިމް އިބްރާހިމް ވެސް ފޯމު ހުށަހެޅުއްވީ މިއަދެވެ. އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޑރ. އަމީން އިބްރާހިމެވެ.
އޭގެ ފަހުން، އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ތިން ބޭފުޅަކު ވަނީ ފޯމު ހުށަހަޅުއްވައިފައެވެ. އެއީ، އީސީން އުވާލަން ނިންމި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ.
ފާރިސްގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ ޑރ. އަބްދުއްސައްތާރު ޔޫސުފެވެ. އުމަރުގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ އޭނާގެ އެކުވެރިޔާ އަޙްމަދު ސަލީމް (މާޒް ސަލީމް)އެވެ. ޒަމީލުގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ އޭނާގެ އަނބިކަނބަލުން މަރިޔަމް އަލީމެވެ.
ޑިމޮކްރެޓްސްއިން އިލްޔާސް ލަބީބް ކުރިމަތިލައްވާފައިވާއިރު އޭނާގެ ރަނިންމޭޓަކަށް އައްޔަން ކުރީ ހުސައިން އަމްރުއެވެ.