ބްރައިޓަންގެ އެކުއެޑޯ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ ހޯދުމަށް ލިވަޕޫލުން ކުރަމުންދިޔަ މަސައްކަތަށް ޗެލްސީން ހުރަސް އަޅައިފިއެވެ.

އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ކައިސޭޑޯ ޗެލްސީއާ ގުޅެން ބޭނުންވާތީ އޭނާ އެ ކްލަބާ ގުޅުމަށް ވަނީ އެއްބަސްވެފައެވެ. ލިވަޕޫލުން ކައިސޭޑޯއަށް ހުށަހެޅި 110 މިލިއަން ޕައުންޑް (140 ޑޮލަރު)ގެ ބިޑަށްވުރެ ބޮޑުކޮށް ބިޑު ހުށަހެޅުމަށް ޗެލްސީން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީން މީގެ ކުރިން ހުށަހަޅާފައިވާ 100 މިލިއަން ޕައުންޑް (127 މިލިއަން ޑޮލަރު)ގެ ބިޑު ބްރައިޓަނުން ވަނީ ގަބޫލުނުކޮށް ދޫކޮށްލައިފައެވެ. ލިވަޕޫލާއެކު މެޑިކަލްގައި ބައިވެރިވުމަށް ނިންމާފައިވަނިކޮށް، ކައިސޭޑޯ އެ ނިންމުން ބަދަލުކޮށްފައިވަނީ ޗެލްސީން ވެސް އޭނާއަށް ލިވަޕޫލުން ހުށަހަޅާ އަގަށްވުރެ ބޮޑު ބިޑެއް ކުރާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނަށްފަހު ޗެލްސީން ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި ކްރޮއޭޝިއާ މިޑްފީލްޑަރު މަޓިއޯ ކޮވަސިޗް ކްލަބު ދޫކޮށްލުމާއެކު ޗެލްސީން ދަނީ މިޑްފީލްޑަރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޗެލްސީން ދަނީ ކައިސޭޑޯގެ އިތުރުން ސައުތުހެމްޓަންގެ ބެލްޖިއަމް މިޑްފީލްޑަރު ރޯމިއޯ ލަވިއާ ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީއަށް ކައިސޭޑޯ ސޮއިކުރި ނަމަވެސް، ޕްރިމިއާ ލީގުގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗުގައި އޭނާ ނުފެންނާނެއެވެ. އަންނަ އާދީއްތަ ދުވަހު ކުޅޭ އެ މެޗު ގުޅިފައިވަނީ ވެސް ކައިސޭޑޯއާއެވެ. އެ މެޗުގައި ޗެލްސީން ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.