12 Aug 2023, 07:36
ގިނަ އަންހެންކުދިންގެ މެދުގައި މަގުބޫލު ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފްގެ ހަޔާތުގެ ބައިވެރިއެއް ނެތްކަމަށާއި ހުސްކޮށް ހުންނަތާ ދެ އަހަރުވެއްޖެކަމަށް އެކްޓަރު ބުނެފިއެވެ.
ޓައިގާ ޝްރޮފް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބައިވެރިއެއް ނެތްކަން ބުނެފައިވަނީ ދީޝާ ދަނޫކާ ނަމަކަށްކިޔާ ޒުވާނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ޚަބަރު ފެތުރެން ފެށުމުންނެވެ.
މީޑިއާ ރިޕޯޓުތަކުން ތުހުމަތުކުރާގޮތުގައި ދީޝާއާއި ޓައިގާ ރައްޓެހިވެގެން އުޅޭތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެދާނެއެވެ. ދީޝާއަކީ ފިލްމު އުފައްދާ ޕްރޮޑަކްޝަން ކުންފުންޏެއްގެ މަތީ މަޤާމެއްގައި ވަޒީފާ އަދާކުރާ ޒުވާނެކެވެ.
ރިޕޯޓުތަކުން ބުނެފައިވަނީ ޓައިގާގެ އާއިލާއަށްވެސް ދީޝާ ވަރަށް ކަމުދާކަމަށާއި ދެ މީހުންގެ ގުޅުމުގެ ޚަބަރު ހަމައެކަނި ހިއްސާކޮށްފައިވަނީ ވަރަށް ގާތް ފަރާތްތަކާއެކުކަމަށެވެ.
ނަމަވެސް އިންޑިއާގެ އީ-ޓައިމްސްއަށް ދިން އިންޓަވިއުގައި 33 އަހަރުގެ އެކްޓަރު ބުނީ މީގެ މަސްދުވަސްކުރިން އެހެން ޒުވާނަކާއެކު ލޯބީގެ ގުޅުމުގެ އޮތްވާހަކަ ޚަބަރުތަކުން ދުށްކަމަށެވެ. ޓައިގާގެ ހަޔާތުގައި ލޯބިވެރިއެއް ނެތްކަން ހާމަކޮށްފައިވާއިރު ދީޝާވަނީ މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.
ޓައިގާއާއި ބަތަލާ ދިޝާ ޕަޓާނީއާ ލޯބީގެގޮތުން ގުޅިގެން އުޅޭތާ ހަ އަހަރުފަހުން ދެ މީހުންވަނީ ވަކިވެފައެވެ. ދެ މީހުންގެ ވަކިވުމާ ގުޅޭގޮތުން ދެ ތަރިންވެސް ވާހަކަ ދައްކާފައިނުވީނަމަވެސް ދިޝާއާއި ޓައިގާއަކީ މިހާރުވެސް ވަރަށް ގާތް އެކުވެރިންނެވެ. އަދި ދިޝާއަކީ ޓައިގާގެ އާއިލާއާ ގާތްގުޅުމެއް އޮންނަ ހާއްސަކޮށް ޓައިގާގެ އަންހެން ކޮއްކޮގެ ވަރަށް ގާތް ފަރާތެކެވެ.
ޓައިގާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔައަހަރު ރިލީޒްކުރި ފިލްމު "ހީރޯޕަންތީ2"އިންނެވެ. އާއްމުންގެ މެދުގައި ފިލްމަށް މާބޮޑު މަގުބޫލުކަމެއް ލިބިފައިނުވާއިރު ކުރިޔަށް އޮތީ އޭނާގެ ވަރަށް އުއްމީދީ ފިލްމުތަކެކެވެ.
އޭގެތެރޭގައި ޑައިރެކްޓަރު ވިކާސް ބަލްގެ "ގަންޕަތު: ޕާޓް1" އަދި އަކްޝޭ ކުމާރުއާއެކު ޓައިގާ ލީޑްރޯލް ކުޅޭ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން" ހިމެނެއެވެ. މީގެއިތުރުން ޑައިރެކްޓަރު ރޯހިތު ބަޓްނާގަރުގެ ވަކި ނަމެއް ހަމަޖެހިފައިނުވާ ފިލްމަކަށްވެސް ޓައިގާވަނީ ސޮއިކޮށްފައެވެ.