ޒުވާނުންނަށް ފަސޭހަ ބޯހިޔާވަހިކަން ހޯދައި ދިނުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވައުދުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ މެނިފެސްޓޯގެ ދެވަނަ ބައި "އާ ޒުވާނުންގެ ޖީލު" ވަނީ އާންމުކޮށްފައެވެ. ޒުވާނުންގެ ސިޔާސަތުތައް ހިމެނޭ މި މެނިފެސްޓޯގައި ޒުވާނުންނަށް ފަސޭހަ ބޯހިޔާވަހިކަމަށް އެ ޕާޓީން ވަނީ ވައުދުވެފައެވެ.

އޭގެ ތެރޭގައި ބޮޑެތި އެޑްވާންސްތަކާއި ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ ލިވިން ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް ހަދާ، ފަސޭހައިން ކުއްޔަށް ހިފޭނެ އަދި އަމިއްލަ ކުރެވޭނެ މަގުފަހިކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ފަސްޓް ޓައިމް ހޯމް އޯނާސްއަށް ހާއްސަކޮށްގެން ރެޒިޑެންޝަލް ބޭނުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް ހަ ޕަސަންޓަށް ވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައި ދިނުމުގެ އިތުރުން ސޯޝިއޯ އިކޮނޮމިކަލީ ވަލްނަރަބަލް ފަރާތްތަކަށް ހާއްސަކޮށްގެން ކައުންސިލް ހައުސިން ތައާރަފުކުރުމަށް ވަނީ ވައުދުވެފައެވެ.

"އާ ޒުވާނުންގެ ޖީލު" މެނިފެސްޓޯގައި ޖުމްލަ އަށް ބައި ހިމެނެއެވެ. އޭގެ ތެރޭގައި:

  1. އެމްޕަވާޑް ޒުވާނުން

  2. ޒުވާނުންގެ ބޯހިޔާވަހިކަން
  3. ޒުވާނުންނަށް ހެލްތް އެންޑް ވެލްބީންގް
  4. ޒުވާނުންނާއި ޓެކްނޮލޮޖީ
  5. ސްކިލްޑް ޒުވާނުން
  6. ޒުވާން އެންޓަރޕްރިނިއާ
  7. ޒުވާނުންގެ ބޭނުންތެރި ހުސްވަގުތު
  8. އެއްވެސް ޒުވާނަކު ބާކީ ނުކުރުން

ޒުވާނުންގެ މެނިފެސްޓޯގެ ތެރެއިން އެއްވެސް ޒުވާނަކީ ބާކީ ނުކޮށް ޒުވާނުން ބާރުވެރިކުރުވުމަށް ވަނީ ހިމަނާފައެވެ. އެގޮތުން ކޮންމެ ބާވަތެއްގެ ކުށަކަށް ހުށަހެޅޭ ޒުވާނެއް ނަމަވެސް، އެ ފަރާތެއް އެކުށަކަށް ޒިންމާ ނެގުމަށްފަހު އިންޑިވިޖުއަލައިޒްޑް ޓްރީޓްމަންޓް ޕްލޭނެއްގެ ދަށުން ފަރުވާދީ އިންޑިވިޖިއުލައިޒްޑް ރިހެބިލިޓޭޝަން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ. އޭގެ އިތުރުން ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާއިރު އެމީހަކާއި އާއިލާއަށް ބޭނުންވާނެ ސައިކޮސޯޝަލް ސަޕޯޓާއި، އެމީހަކަށް ބޭނުންވާނެ ޕިއާ-ސަޕޯޓް އަދި ރިކަވަރީ-ސަޕޯޓް ނެޓްވޯކް ގާއިމުކޮށް، އެމީހަކު ވަށައިގެންވާ ވެއްޓަކީވެސް އެމީހަކު ބަލައިގަންނަން ތައްޔާރަށް ހުރި ވެއްޓަކަށްހަދާނެ ކަމަށް ވަނީ ހިމަނާފައެވެ.

އޭގެ އިތުރުން ޑިޖިޓަލް ދާއިރާއަކީ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތަނބަކަށް ހެދުމަށް ވަނީ މެނިފެސްޓޯގައި ހިމަނާފައެވެ. އަދި ޕްރައިމެރީ ހެލްތުކެއާ ކުރިއެރުވުމާއި، މެންޓަލް ހެލްތު އަދި ފިޓްނަސް ދާއިރާ ކުރިއެރުވުމަށް ވަނީ ހިމަނާފައެވެ.

އެމްޑީޕީން ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މެނިފެސްޓޯގެ ދެވަނަ ބައި ޒުވާނުންނަށް ޚާއްސަކޮށް މިރޭ ނެރެފައިވާއިރު އެންމެ ފުރަތަމަ ބައި ނެރެފައި ވަނީ "އުފާވެރި ދިރިއުޅުން"ގެ މައްޗަށެވެ.