15 Aug 2023, 08:37
ބަތަލާ މަނޫޝީ ޗިލަރު ލީޑްރޯލް ކުޅޭ އެއަފޯސް އެކްޝަން ފިލްމުގެ ރަސްމީ ނަމާއެކު ފިލްމު ރިލީޒްކުރުން މިއަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ހިންދީ ބަހުންނާއި ތެލުގޫ ބަހުން ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާއިރު މިފިލްމަކީ، މިހާތަނަށް ހިންދީ ސިނަމާއަށް އަންނާނެ އެންމެ ވަރުގަދަ އެއާފޯސް އެކްޝަން ފިލްމުކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ.
މަނޫޝީއާއެކު މިފިލްމުގައި ލީޑް ރޯލްއިން ފެންނާނެ އެކްޓަރަކީ ތެލުގޫ ސިނަމާގެ ވިދުން ގަދަ އެކްޓަރު ވަރުން ތޭޖްއެވެ. ވަރުން ތޭޖްއަކީ މަގުބޫލު އެކްޓަރު ރާމް ޗަރަންއާއި އައްލޫ އަރުޖުންގެ ދެބޭންގެ ދެދަރި މީހެކެވެ.
"އޮޕަރޭޝަން ވެލެންޓައިން"ގެ ނަމުގައި އުފައްދާ މިފިލްމާއެކު ވަރުން ތޭޖް ހިންދީ ސިނަމާއަށް ތަޢާރަފުވާނެއެވެ. މިފިލްމުގައި ވަރުން ފެންނާނީ އެއާ ފޯސް ޕައިލެޓެއްގެ ގޮތުގައެވެ. އަދި ބަތަލާ މަނޫޝީ ފެންނާނީ ރާޑަރު އޮފިސަރެއްގެ ރޯލްއިންނެވެ.
މިފިލްމަކީ، 2022ވަނަ އަހަރު ރިލީޒްކުރި "މޭޖަ" ގެނެސްދިން ސޮނީ ޕިކްޗާސް އިންޓަނޭޝަނަލް ޕްރޮޑަކްޝަންސްގެ އުފެއްދުމެކެވެ.
ދިގު މުއްދަތަކަށްފަހު އިންޑިއާއަށް ރީތީގެ ރާނީގެ ތާޖު 2017ވަނަ އަހަރު ކާމިޔާބުކޮށްދިން މަނޫޝީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސަމްރާތު ޕްރިތްވީ ރާޖް"އިންނެވެ.
އަކްޝޭ ކުމާރުއާއެކު ލީޑްރޯލްއިން ފެނުނު މިފިލްމު ބެލުންތެރިންގެ މެދުގައި މަގުބޫލު ނުވިނަމަވެސް މަނޫޝީގެ އެކްޓިންގްއަށް ގިނަބަޔަކުވަނީ ތައުރީފުކޮށްފައެވެ. މިއަހަރު އިތުރު ދެ ފިލްމަކަށް މަނޫޝީ ސޮއިކޮށްފައިވާއިރު ބެލުންތެރިން އިންތިޒާރުކުރާ އެއްފިލްމަކީ އެކްޓަރު ޖޯން އަބްރަހަމްއާއެކު ބަތަލާ ފެންނާނެ "ތެހެރާން"އެވެ.
މިއަހަރުގެ އިތުރުން އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން"އިންވެސް މަނޫޝީ ފެންނާނެއެވެ.