15 Aug 2023, 20:54
މެންޗެސްޓާ ސިޓީގެ ކެޕްޓަން ކެވިން ޑި ބްރޭނާގެ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަށްކޮލެވޭ ބެލްޖިއަމް މިޑްފީލްޑަރު ޑި ބްރޭނާއަށް އަނިޔާވީ މިސީޒަނުގައި ބާންލީއާ ދެކޮޅަށް ކުޅުނު ސިޓީގެ ފުރަތަމަ ޕްރިމިއާ ލީގު މެޗުގައެވެ. އެ އަނިޔާއާ ގުޅިގެން ދުވަސްތަކެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭ އިރު، ސާޖަރީއެއް ހެދުމާ މެދު ކްލަބުން އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ބުނެފައެވެ.
"ޑި ބްރޭނާގެ އަނިޔާ ސީރިއަސް. މަސްތަކެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ. ކުރިއަށްއޮތް ދުވަސްތަކުގައި ސާޖަރީއަކަށް ދިއުމާ މެދު އަހަރެމެން ގޮތެއް ނިންމާނަން. އެކަމަކުވެސް އޭނާއަށް ދުވަސްތަކެއް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ. ސާޖަރީއަކަށް ގޮސްފި ނަމަ، އޭނާއަށް ތިނެއް ނުވަތަ ހަތަރު މަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ،" ޔޫއެފާ ސުޕަ ކަޕްގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ޑި ބްރޭނާއަށް އަނިޔާވުމަކީ ސިޓީއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އޭނާއަކީ ފޫނުބެއްދޭނެ ވަރުގެ ހާއްސަ ހުނަރުތަކެއް ލިބިފައިވާ ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް ކްލަބުގައި ހުނަރުވެރި އެހެން ކުޅުންތެރިންތަކެއް ތިބިކަން ވެސް ގާޑިއޯލާ ފާހަގަކުރިއެވެ.
ޑި ބްރޭނާއަށް އަނިޔާވުމުން، ސިޓީން ވެސްޓް ހާމްގެ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ޕަކޭޓާ ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކުރާނެ ކަމަށް ބެލެވެއެވެ. ޕަކޭޓާއަށް ސިޓީން ފުރަތަމަ ހުށަހެޅި 70 މިލިއަން ޕައުންޑް (89 މިލިއަން ޑޮލަރު)ގެ ބިޑު ވެސްޓް ހާމުން ވަނީ ގަބޫލުނުކޮށް ދޫކޮށްލައިފައެވެ. ނަމަވެސް ސިޓީން އޭނާއަށް އިތުރު ބިޑެއް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔޫއެފާ ސުޕަ ކަޕްގައި ސިޓީން ސެވިއްޔާއާ ދެކޮޅަށް ނުކުންނާނީ މާދަމާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މާދަމާ ރޭ 12:00 ގައެވެ.