ކުރިއަށް އޮތް ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ބޭރު ގައުމުތަކުގައި، ވޯޓު ލުމަށް ހަމަޖެހިފައިވާ ވަގުތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.

މިއަހަރުގެ އިންތިޚާބުގައި ޖުމުލަ ފަސް ގައުމެއްގައި ވޯޓް ފޮށި ބަހައްޓާނެއެވެ.

އެއީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯ އާއި އެކުވެރި އަރަބި އިމާރާތް އަބޫދާބީގެ އިތުރުން މެލޭޝިޔާގެ ކުއަލަލަމްޕޫރާއި އިނގިރޭސި ވިލާތް ލަންޑަނެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައިވާގޮތުން މެލޭޝިޔާގެ ކުއާލަ ލަމްޕޫރްގައި ބަހައްޓާ ފޮއްޓަށް ވޯޓު ލުން އޮންނާނީ މެލޭޝިޔާ ގަޑިން އެ ދުވަހު ހެނދުނު 11:00 އިން ރޭގަނޑު 7:00 އަށެވެ. އިނގިރޭސި ވިލާތުގެ ލަންޑަންގައި އެ ތަނުގެ ގަޑިން ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި ލަންކާ ގަޑިން ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމުގައި އެ ތަނުގެ ގަޑިން ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ. އެކުވެރި އަރަބި އިމާރާތް އަބޫދާބީގައި އެތަނުގެ ގަޑިން ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވޯޓު ލުން އޮންނާނެ ކަމަށް އީސީން ބުނެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެ އަދި ރާއްޖޭން ބޭރުގައި 604 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓާއި މާލޭ ސަރަހައްދުގައި ބަހައްޓާ 187 ފޮށްޓެވެ.