21 Aug 2023, 09:36
ރަށްރަށުގައްޔާއި އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް އެމްޑީޕީން ދައްކަމުން ގެންދަނީ ވަރަށް ހުތުރު މަންޒަރެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މިއަދު ފެށި ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގައި ވެސް އޮތީ، ނިމިދިޔަ ދައުރުގަޔާއި ދައުރުގެ ބޭރުން އެކުލަވައިލި ދާއިމީ ކޮމިޓީތައް އަނެއްކާ ވެސް އެކުލަވައިލަން އެޖެންޑާ ކޮށްފައެވެ. އެކަމަކު، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވި މެންބަރުންގެ ސިޓީ މަޖިލީހަށް ލިބިފައިނުވާތީ، ނަޝީދު ވަނީ އަލަށް ގުޅިވަޑައިގަންނަވާ މެންބަރުންގެ ސިޓީތައް ހުށަހަޅަން އެދިފައެވެ.
މަޖިލިސް ފެށިތާ މާ ގިނައިރެއް ނުވެ، އެމްޑީޕީގެ މެންބަރުން ވަނީ އަޑުގަދަ ކުރަން ފަށައިފައެވެ. އެއާ އެކު، ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ތިން މެންބަރެއްގެ ނަން އިއްވައިފައެވެ. އެއީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣްނީއެވެ.
އެ މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން ނަޝީދު ވަނީ އެ މެންބަރުން ނިސްބަތްވާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް
"މި ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެއް. އިއްޒަތްތެރި މެންބަރުންގެ ސިޔާސީ ޕާޓީ [އެމްޑީޕީ]ން މި ރާއްޖޭގެ ރަށްރަށަށް ވަޑައިގެންނެވީމާ ވެސް ހަމަނުޖެހުން އުފެދުމާއި ހަޅުތާލު ހިންގުމާއި މާރާމާރީ ހިންގުން އެބަ އާންމުވޭ. މި މަޖިލީހުގައި ވެސް ތި އިއްޒަތްތެރި މެންބަރުން ތި ދައްކަވަނީ ހަމަ އެ މަންޒަރު،" އެ މަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖޭގެ ރައްޔިތުން އެއްވެސް ވަރަކަށް އެދޭނެ މަންޒަރެއް ނޫން. އަދި ސުލްހަވެރި ސިޔާސީ ހަރަކާތް އަޅުގަނޑުމެންގެ ގާނޫނު އަސާސީން ލިބިދީފައިވާއިރު އެ ފުރުސަތުތައް ދޫކޮށްލައްވައި ރަށްރަށުގައި ވެސް ތި ބޭފުޅުން ތި ދައްކަވަނީ ވަރަށް ހުތުރު މަންޒަރެއް. މި މަޖިލީހުގައި ވެސް ތި ބޭފުޅުން ތި ދައްކަވަނީ ހަމަ އެ މަންޒަރު،"
އެ މަނިކުފާނު އިޝާރާތް ކުރެއްވީ ރިޔާސީ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަޑައިގަތުމުން ބައެއް ރަށްރަށުގައި އިދިކޮޅު ބޭފުޅުން އިހްތިޖާޖު ކުރުމަށެވެ. އަދި، ބައެއް ރަށްރަށަށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ވަޑައިގަތުމުން އެމްޑީޕީގެ ބައެއް ސަޕޯޓަރުން އިހްތިޖާޖުކޮށް، ބައެއް ރަށްރަށުގައި ހަމަނުޖެހުންތައް ވެސް ހިނގައެވެ.
މިއަދު މަޖިލީހުގައި ނަން އިއްވި ތިން މެންބަރުން ތަޅުމުން ނެރުމުން، އަނެއްކާ ވެސް އަލުން ތަޅުމަށް ވަޑައިގެންނެވުމުން ނަޝީދު ވަނީ މަޖިލީސް މެދުކަނޑާލައިފައެވެ.