22 Aug 2023, 00:18
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ތެވެލި ރިސާޗް ކޮންފަރެންސް އިއްޔެ ފަށައިފިއެވެ.
އެ ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒްނާ ވަނީ ގައުމީ ތަރައްގީއަށް ދިރާސާތަކުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
"އިލްމީ ދިރާސާތަކާއި، ދިރާސާތަކުގެ މައްޗަށް ބިނާ ކުރާ ސިޔާސަތުތަކުން އާންމު ގަބޫލުކުރުންތަކާއި، އުޅުމަށް ބަދަލު ގެނައި މިސާލުތައް ތާރީހުގައި ބައިވަރު" އެކަމަނާ ވިދާޅުވިއެވެ.

ތެވެލި ކޮންފަރެންސް 2023ގެ ތެރެެއިން --- ފޮޓޯ/ ރައީސް އޮފީސް
މާދަމާއާ ހަމައަށް ކުރިއަށްދާ އެ ކޮންފަރެންސަށް 143 ދިރާސާ ކަރުދާހެއް ވަނީ ބަލައިގެންފައެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނޭހެން، ތަފާތު 15 ގައުމަކަށް ނިސްބަތްވާ ކަރުދާސްތައް ހިމެނެއެވެ.
މީގެ އިތުރުން، އެކި ދާއިރާތަކުގެ ތަޖުރިބާހުރި ފަސް އިލްމުވެރިޔަކު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ތެވެލި ކޮންފަރެންސަކީ 2017ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެމްއެންޔޫއިން ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއަހަރުގެ ކޮންފަރެންސުގެ ތީމަކީ "ގައުމު ބިނާކުރުމުގެ މަސައްކަތަށް ބޭނުންވާ ރިސާޗު" އެވެ.