26 Aug 2023, 08:05
ފިލްމު "ޖާނެ ތޫ ޔާ ޖާނެ ނާ"އިން ބޮޑު މަގުބޫލުކަމެއް ހޯދި ކުރީގެ ފިލްމީތަރި އިމްރާން ޚާން އެނބުރި ފިލްމީ ދާއިރާގައި މަސައްކަތްކުރުމަށް ނިންމައިފިއެވެ.
އަށް އަހަރު ވަންދެން ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށްފަހު އިމްރާން ޚާން އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނާނީ ވެބް ސީރީސްއަކުންނެވެ. މިއީ އިމްރާން ޚާންގެ ފިލްމީ ކެރިއަރުގައި އެކްޓަރު މަސައްކަތްކުރާނެ ފުރަތަމަ ވެބް ސީރީސްއެވެ.
މީގެ ކުރިން ސޯޝަލް މީޑީއާގައި ވަރަށް އެކްޓިވްކޮށް އުޅުނު އިމްރާން ޚާން ކުއްލިގޮތަކަށް ސޯޝަލް މީޑިއާއިން ގެއްލުމަށްފަހު ދާދިފަހުން އިންސްޓަގްރާމްގައި ހަރަކާތްތެރިކޮށް އުޅެން ފެށުމާއެކު އެކްޓަރަށް ސަޕޯޓުކުރާ މީހުން އުއްމީދުކޮށްގެން ތިބީ ވަރަށް އަވަހަށް އިމްރާން ފިލްމަކުން ފެންނާނެކަމަށެވެ.
ކުޅަދާނަ އެކްޓަރު އާމިރު ޚާންއަށް ބޮޑު ބޭބެ ކިޔާ އިމްރާން ޚާން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2015ވަނަ އަހަރު ބަތަލާ ކަންގަނާއާއެކު ކުޅުނު ފިލްމު "ކައްޓީ ބައްޓީ"އިންނެވެ. އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނެފައިވަނީ އިމްރާން ޚާން ސޮއިކޮށްފައިވަނީ "ޖާނެ ތޫ ޔާ ޖާނެ ނާ"ގެ ޑައިރެކްޓަރު އައްބާސް ތައިރެވާލާގެ ވެބް ސީރީސްއަކަށްކަމަށެވެ.
ފިލްމީ ދާއިރާގައި ދުރުގައި ހުރުމަށްފަހު އެނބުރި އަންނަ މަސައްކަތްވެސް އިމްރާން ޚާން ބޭނުންވީ މިދާއިރާއަށް އޭނާ ތަޢާރަފްކުރި ޑައިރެކްޓަރާއެކު ކުރުމަށެވެ.
ފިލްމު "އައި ހޭޓް ލަވް ސްޓޯރީސް"އާއި "ބްރޭކް ކޭ ބާދު" އަދި "އޭކް މޭން އޯރް އޭކް ތޫ"ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރު އެދުވަސްވަރު ގިނަބަޔަކު 'ޗޮކްލެޓް ބޯއި'ގެގޮތުގައި ސިފަކުރިނަމަވެސް އިމްރާން އަލަށް ފެންނަ ވެބް ސީރީސްގައި ކުޅޭނީ އިންޓެލިޖެންސް އޮފިސަރެއްގެ ރޯލްކަމަށް ޕިންކްވިލާގައިވަނީ ބުނެފައެވެ.
މިވެބް ސީރީސް ސްޓްރީމްކުރާނެ ޕްލެޓްފޯމެއް އަދި ރަސްމީކޮށް އިޢުލާނުނުކުރެއެވެ.