ހިންދީ ސިނަމާގައި މިހާރުވެސް ފުރުސަތުތައް ހޯދުމުގައި އެންމެ ބާރުގަދައީ އެކްޓަރުންކަމަށް ބަތަލާ ސުޝްމިތާ ސެން ބުނެފިއެވެ.

ސުޝްމިތާ ބުނެފައިވަނީ ބަތަލާއިން ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކޮށްލަން ބޭނުންވާނަމަ އެކްޓަރުންނާއެކު އޮންނަ އެކުވެރިކަމުގެ ގުޅުމަށް ބުރޫނާރާނެގޮތަކަށް އުޅެން ސަމާލުކަން ދޭންޖެހޭކަމަށެވެ. އަދި ފިލްމީ ދާއިރާގައި ދެމިތިބުމަށް އަބަދުވެސް ކޮންމެވެސް އެކްޓަރެއްގެ އެހީ މިހާރުވެސް ބަތަލާއިންނަށް ބޭނުންވާކަމަށް ސުޝްމިތާވަނީ ބުނެފައެވެ.

ބައެއް ފިލްމީ ޕްރޮޑިއުސަރުން ފިލްމީ ބަތަލާއިންނާމެދު ހަމަހަމަ އުސޫލުން މަސައްކަތްކުރުމުގެ އާދަ އަދިވެސް ނޯންނަކަމަށާއި ބޮލީވުޑްގައި މިއަދާ ހަމައަށް ވެސް ރަސްކަންކުރަނީ އެކްޓަރުންކަމަށް ސުޝްމިތާވަނީ ބުނެފައެވެ.

އެހެންނަމަވެސް ފިލްމުތަކުން ލިބޭ ފުރުސަތުތަކާ ޚިލާފަށް ސްޓްރީމިންގް ޕްލެޓްފޯމްތަކުގައި މަސައްކަތްކުރަން ފެށުމަކީ ހެޔޮ ބަދަލެއްކަމަށް ސުޝްމިތާ ބުނެފައިވެއެވެ.

ފިލްމުތަކުން ހަމަހަމަ ފުރުސަތުތައް ނުލިބޭއިރު ސްޓްރީމިންގް ޕްލެޓްފޯމްގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ލިބޭ އާމްދަނީވެސް މާބޮޑަށް ރަނގަޅުކަމުގައި ބަތަލާވަނީ ބުނެފައެވެ. ބަތަލާއިންނަށް އެކްޓަރުންނާ އެއްވަރަށް އާމްދަނީ ނުދޭ މައްސަލައަކީ އަބަދުވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބަތަލާއިންގެ ޝަކުވާއެކެވެ.

ސްޓްރީމިންގް ޕްލެޓްފޯމްތަކުން އަގު ހުށަހަޅާއިރު އެކްޓަރުންނާ ތަފާތު ނުކުރާކަމަށާއި އެކަމާ އެއްވެސް ޝަކުވާއެއްކުރުމުގެ ފުރުސަތު ނޯންނަކަމަށް ދާދިފަހުން ޑިޒްނީ ހޮޓްސްޓާގައި ގެނެސްދިން "ތާލީ"ގެ ބަތަލާވަނީ ބުނެފައެވެ.

މީޑިއާއަށް ދިން އިންޓަވިއުއްގައި ވާހަކަ ދައްކަމުން 47 އަހަރުގެ ބަތަލާ ބުނީ ހިތްހެޔޮކަމާއެކު ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ މުޢާމަލާތުކުރުމުން ގިނަފަހަރު އެބަޔަކު އޭގެ ނާޖައިޒު ފައިދާނަގާކަމަށެވެ.

އެހެންވެ ވަރަށް ގިނަ ފަހަރަށް ބޭނުންވާ ކަންކަމަށް އަޑުއުފުލަންވެސް ޖެހޭކަމުގައި ދާދިފަހުން ހިތުގެ ބައްޔަށް ފަރުވާ ހޯދި ބަތަލާވަނީ ބުނެފައެވެ. ނަމަވެސް ސްޓްރީމިންގް ޕްލެޓްފޯމްއިން ހުޅުވާލި ފުރުސަތުތަކާއެކު ވަރަށްގިނަ ކަންކަމަށް ހެޔޮ ބަދަލުތަކެއްއައިސް ވަރަށް ގިނަ ސަޤާފަތްވެސް ބަދަލުވަމުން އަންނަކަން ފާހަގަކުރެވޭކަމަށް ބަތަލާވަނީ ބުނެފައެވެ.

އެހެންކަމުން ކުރިޔަށްއޮތްތަނުގައި ފިލްމުތަކުން ފެނުމަށްވުރެ ބޮޑަށް ސުޝްމިތާ ފެނުމުގެ ފުރުސަތު ބޮޑީ ސްޓްރީމިންގް ޕްލެޓްފޯމްތަކުންކަމަށް ގިނަބަޔަކުވަނީ ބުނެފައެވެ.