މި ފެށޭ ހަފުތާގެ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ދިވެހި ފުލުހުންގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށާއި މާދަމާ އެ ތައްޔާރީތަކާ ގުޅޭ އޮޕަރޭޝަނެއް ހިންގާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އިންތިޚާބާ ގުޅިގެން ފުލުހުން ހިންގާ ބްލޫ ވޭވް އޮޕަރޭޝަނާ ގުޅޭ ގޮތުން އޮޕަރޭޝަންގެ ކޮމާންޑަރު ޗީފް ސުޕްރިންޑެންޓް އަހްމަދު ޝާކިރު ވިދާޅުވީ މިދިޔަ މަހުގެ ހަވަަނަ ދުވަހުން ފެށިގެން ފުލުހުންގެ އެލާޓް ލެވެލް މަތިކުރެވިފައިވާ ކަމަށެވެ.

އަހަރުގެ ގިނަ ދުވަސްތަކުގައި އެކި މުއައްސަސާތަކާއި ޑިޕާޓްމަންޓުތައް ގުޅިގެން މި އިންތިޚާބުގެ އޮޕަރޭޝަނަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިހާރު މި އޮޕަރޭޝަންގައި ހަރަކާތްތެރިވާނެ ހުރިހާ ފުލުހުންނަށް ތަމްރީނު ދެވިފައިވާކަަމަށް ފުލުހުން ބުންޏެވެ.

"ދިވެހި ފުލުހުން ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ޓަކައި ބާއްވާ ޚާއްސަ އެކްސަސައިޒެއް ކުރިއަށްދާނެ. އެ އެކްސަސައިޒް އަޅުގަނޑުމެން ކުރިއަށް ގެންދާއިރު މި ދަނީ ހަމަ ނުވަވަނަ ދުވަހު އިންތިޚާބީ ތައްޔާރީތައް ދެނެގަތުމަށް. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ގްރޭޓާ މާލޭ އޭރިއާގައި ވެސް މި ކަން އެގޮތަށް ކުރިއަށްދާނެތީވެ އަޅުގަނޑުގެ ހަަމަ މީޑިއާގެ ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް އަދި ދިވެހި ރައްޔިތުންގެ ސަމާލުކަމަށް ގެންނަން ބޭނުންވޭ،" ޝާކިރު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ އޮޕަރޭޝަންގެ ޑެޕިއުޓީ ކޮމާންޑަރު ސުޕްރިންޑެންޓް އަހްމަދު މުސްލިމް ވިދާޅުވީ ވޯޓު ކަރުދާސްތައް ޕްރިންޓުކުރުމާއި އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ވެސް ފުލުހުންގެ ސެކިއުރިޓީ ދެމުން އަންނަ ކަމަށެވެ.

"މި ގޮތުން އެންމެ ޚާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާނީ މި އޮޕަރޭޝަން ކުރިއަށްދާއިރުގައި ޕޯލިން ސްޓޭޝަންތަކުގައި، ޕޯލިން ސެންޓަރުތަކުގައި ވޯޓުލާ މަރުކަޒުތަކުގައި އަޅުގަނޑުމެންގެ އޮފިސަރުން ހަރަކާތްތެރިވާއިރުގައި އަޅުގަނޑުމެން މިހާރު އޮޕަރޭޝަން ފްރަންޓް ލައިންގައި އޮޕަރޭޝަންގައި ބޭނުންކުރާ ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ވާހަކަ މައުލޫމާތަށް ޓަކައި ދަންނަވަން،" މުސްލިމް ވިދާޅުވިއެވެ.

މަރުގެ އިންޒާރު ދެ ކެންޑިޑޭޓަކަށް ދިން މައްސަލައާ ގުޅިގެން ޝާކިރު ވިދާޅުވީ ކެންޑިޑޭޓުންގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ހަވާލުކުރެވިފައި އޮންނަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ކަމަށެވެ.

އުމަރު ނަސީރަށް އިންޒާރު ދިން މައްސަލައިގައި މިހާރު ތަހުގީގަށް ލިބުނު ކުރިއެރުން އުމަރާ ހިއްސާކޮށްފައިވާ ކަމަށް ވެސް ޝާކިރު ވިދާޅުވިއެވެ.

"ޖުމްލަ ގޮތެއްގައި އެ ކަންކަން އެ ގޮތަށް ދިމާވުމާ ގުޅިގެން ޚާއްސަ ގޮތެއްގައި ޕާސަނަލް ސެކިއުރިޓީއިން މި ފޯރުކޮށްދެނީ މޯލްޑިވްސް ނެޝަނަލް ސެކިއުރީޓީގެ ފަރާތުން، އެ ބޭފުޅުންގެ އެސްޕީޖީއާއި އެ ކަމުގައި ހިމެނޭ ފަރާތްތަކާ ދިވެހި ފުލުހުންވާނީ އިތުރަށް މަޝްވަރާކޮށްފައި،" ޝާކިރު ވިދާޅުވިއެވެ.

ނަމަވެސް ކެންޑީޑޭޓާއި ރަނިން މޭޓުގެ މޫވްމަންޓްތަކާއި އެ ދެ ފަރާތުން ދާ ތަންތަނަގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓާނެ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ އާންމު ރައްޔިތަކަށް ނުވަތަ މި ހާލަތުގައި ރިޔާސީ ކެންޑިޑޭޓެއްގެ މުދަލަކަށް ގެއްލުން ދިނުމަށް ނުވަތަ ފުރާނައަަށް ނުރައްކާވާ ފަދަ އިންޒާރެއް ދީފި ނަމަ އެންމެ ޚާއްސަ ސަމާލުކަމެއްް ދޭންވީ އޮންނަ އުސޫލުގެ ތެރެއިން އެ މައްސަލަތައް ލޮޖްކުރުމަށް ކަމަށެވެ.

އެއީ، ސިޓީއެއް ނުވަތަ މެސެޖު ނުވަތަ ގުޅައިގެން ނަމަވެސް ކަމަށް ޝާކިރު ވިދާޅުވިއެވެ. އެ ފަދަ ކަންކަން އާންމުކޮށް ހިނގަނީ ސޯޝަލް މީޑިއާގައި ކަމުން ވަގުތުން ފިޔަވަޅު އަޅަން އަވަހަށް މައްސަލަ ދެނެގަނެވުން މުހިންމު ކަމަށް ޝާކިރު ވިދާޅުވިއެވެ.