ދިވެހި ބަހުގެ އެކެޑަމީން އިންތިޒާމު ކޮށްގެން، ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ.

މި ކޯހުގެ މައިގަނޑު މަގުސަދަކީ ދެން އެންމެ އަވަހަށް ދިވެހި ބަހުގެ އެކެޑަމީން ބާއްވާ ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވާ ދަރިވަރުން، އެ މުބާރާތަށް ތައްޔާރު ކުރުމެވެ. އެގޮތުން އެ މުބާރާތަށް ބޭނުންވާ ބައެއް މައުލޫމާތުތައް ފޯރުކޮށްދީ، ތަމްރީނުތައްދީ އެ މުބާރާތައް ދަރިވަރުން ތައްޔާރު ކުރުމުގެ މަސައްކަތްތައް ކޯހުގައި ކުރިއަށްގެންދާނެއެވެ.

ދިރާސީ އަހަރު 2023-2024ގެ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

މި ކޯހަކީ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް އޮންލައިންކޮށް ހުޅުވައިލައިގެން ގެންދާ ކޯހެކެވެ.

މި ތަމްރީނުތައް ދަރިވަރުންނަށް ދެއްވަނީ ކުރިއަށް އޮތް މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާނެ އަދި ވޭތުވެ ދިޔަ މުބާރާތްތަކުގައިވެސް ފަނޑިޔާރުކަން ކުރައްވައިފައިވާ ދެބޭފުޅުންނެވެ. އެއީ އަލްއުސްތާޒް އަލީ އަމީރާއި މުހައްމަދު ނަސީރެވެ.

ދިވެހި ބަހުގެ އެކެޑަމީން އިންތިޒާމު ކޮށްގެން ބާއްވާ، ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯހުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް މިއަދު "ސަން"އަށް ވިދާޅުވީ، ގިނަ ފަހަރު ދަރިވަރުން ވާހަކަދެއްކުމުގެ މުބާރާތުގައި ވާހަކަދައްކާއިރު މައުޟޫގައި ބުނާ އެއްޗެއްގެ މާނަ އޮޅި ވާހަކަތައް ނުބައި މިސްރާބަކަށް އަމާޒު ކުރެވޭ ކަމަށެވެ. އެހެންކަމުން މި ކޯހުގައި އެކަމަށް އަލިއަޅުވައިލާ ދަރިވަރުންނަށް މައުޟޫއަށް ވާހަކަދައްކަން ދަސްކޮށްދޭނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ މި ކޯހުން ދަރިވަރުންނަށް ދަސްކޮށްދޭ ހުނަރުތަކުގެ ސަބަބުން، މުބާރާތުގެ ފެންވަރު ރަނގަޅުވެ ބައިވެރިވާ ސްކޫލުތަކުގެ ދަރިވަރުންނަށް ޓީޗަރުންގެ އެހީތެރިކަން ހޯދުމަށްވެސް އެތައް ގުނައެއް ފަސޭހަވާނެ ކަމަށެވެ.

ނުވަދިހަ ވަރަކަށް ސްކޫލުން 2000ހާ ދަރިވަރުން ބައިވެރިވާ މި ކޯހަކީ 20 ގަޑިއިރަށް ހިންގާ ކޯހެކެވެ. އުމުރުފުރާތަކަށް ބަހާލާ ކޮންމެ އުމުރުފުރާއަކުން ކޮންމެ ސްކޫލަކުން 10 ދަރިވަރުން ބައިވެރިވުމުގެ ފުރުސަތު އެކެޑަމީން ސްކޫލުތަކަށް ހުޅުވައިލައިފައިވާއިރު މި ކޯހުގައި ބައެއް ސްކޫލުތަކުން 10 ދަރިވަރުން އަދި އަނެއްބައި ސްކޫލުތަކުން 30 ދަރިވަރުންވަނީ ބައިވެރިވެފައެވެ.

ދިވެހި ބަހުގެ އެކެޑަމީން އިންތިޒާމު ކޮށްގެން ބާއްވާ، ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯހުގެ ތެރެއިން --

މިއަދު ފެށި މި ކޯހުގެ ފުރަތަމަ ސެޝަން އޮތީ މިއަދުގެ 9:00 އިން 11:00 އަށެވެ. ދެވަނަ ސެޝަން އޮތީ މެންދުރު 1:00 އިން 3:00 އަށެވެ. އަދި ރޭގަނޑުގެ ސެޝަންތައް ކޮންމެ ރެޔަކު 8:00 އިން 10:00 އަށް ކުރިއަށް އޮތް ހަފުތާގައި ކުރިއަށްދާނެކަމަށް ވެސް އެކެޑަމީގެ ރައީސް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ މި ކޯސް އޮންލައިންކޮށް ހިންގަނީ ވަރަށް މުހިންމު ސަބަބަކަށްޓަކައި ކަމަށެވެ.

"މި ކޯސް އޮންލައިންކޮށް ހިންގަމުންދަނީ، ހުރިހާ ސްކޫލުތަކަށް ދަތުރުކުރުމުގެ ކެރިކުޅަދާނަކަން މިވަގުތު މާލީގޮތުން ވެސް، އިންސާނީ ވަސީލަތުގެ ގޮތުންވެސް އެކެޑަމީގައި ނެތުމުގެ ސަބަބުން، ދަރިވަރުންނަށް ކޯހެއް ނުހިންގުމަށް ވުރެ އޮންލައިންކޮށް ހިންގުން ރަނގަޅުކަމަށް އަޅުގަނޑުމެންނަށް ފެންނާތީ،" އަޝްރަފް ވިދާޅުވިއެވެ.

މިކަމަށް ސްކޫލުތަކުގެ އިސްވެރިންނާއި، ޓީޗަރުންގެ އިތުރުން ދަރިވަރުން ސަމާލުކަން ދީފައިވާ މިންވަރު ފާހަގަކުރައްވައި އަޝްރަފް ވިދާޅުވީ 2000 ދަރިވަރުންނަކީ ވަރަށް ގިނަ އަދަދެއް ކަމަށެވެ. އަދި ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ހިނގަމުންދާއިރު، ސްކޫލަށް ހާޒިރުވެގެން ދަރިވަރުން އެ ކޯހުގައި ބައިވެރިވުމަކީ އުނދަގޫ ކަމަކަށް ވީ ނަމަވެސް މި ކޯހުގައި ދަރިވަރުން ބައިވެރިވާ ކަމަށް ވެސް އަޝްރަފް ފާހަގަކުރެއްވިއެވެ.

"ބައެއް ސްކޫލުތަކުން އަޅުގަނޑުމެން ދިން އަދަދަށް ވުރެވެސް ގިނައިން ކުދިން ބައިވެރި ކުރުމަށް އެދި އާދޭސް ވެސް ކޮށްފަ އެބަހުރި. އޭގެ މާނައަކީ މިއަށް ޑިމާންޑު އެބައޮތޭ. މިއަށް ވަރަށް ބޮޑަށް ބޭނުންވެފައޭ ތިބީ ސްކޫލު ތަކުގެ ދަރިވަރުން. އެހެންވީމަ މި ކަމަކީ އެކަޑަމީން އިސްނަގައިގެން ކުރެވޭ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކެޑަމީން އިންތިޒާމު ކޮށްގެން ބާއްވާ، ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯހުގެ ތެރެއިން --

ކޮންމެ ސްކޫލަކަށް ވަކި އަދަދެއްގެ ފުރުސަތުތަކެއް މިފަަހަރުގެ ކޯހުގައި ދިން ސަބަބަކީ ސީދާ ވާހަކަދެއްކުމުގެ ހުނަރު ދަސްކުރަން ބޭނުންވާ ކުދިންތަކަކަށް އެކަމުގެ ފުރުސަތުދީ، ގިނަ އަދަދެއްގެ ދަރިވަރުން އެއްވުމުން މެނޭޖުކުރަން ތިބޭ ޓީޗަރުންނަށް ވެސް އުނދަގުވެދާނެތީ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް އިތުރަށް ވިދާޅުވީ މިހާރު އެކެޑަމީން މަސައްކަތް ކުރަމުން ގެންދަނީ ކުރިއަށް އޮތް ވާހަކަ ދެއްކުމުގެ މުބާރާތް ރާއްޖޭގެ ތިން ސަރަހައްދެއްގައި އެއް ވަގުތެއްގަ ކުރިއަށް ގެންދެވޭތޯ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ އެއް ސެންޓަރު ހަދައި، ކުޅުދުއްފުށީ ސަރަހައްދުގަ އަނެއް ސެންޓަރު ހަދައި، އެ ސަރަހައްދުތަކުން އޮންލައިންކޮށް ދަރިވަރުން ބައިވެރިވެ ފަނޑިޔާރުން މާލެއިން އެކަން ޖަޖު ކުރާ ގޮތަށް ރާވަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ދިވެހި ބަހުގެ އެކެޑަމީގެ ޓީމެއް ކޮންމެ ސަރަހައްދެއްގައި ވެސް ހަރަކާތްތެރި ވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ހއ، ހދ، އަދި ށ. ގެ ދަރިވަރުންނަށް ކުޅުދުއްފުށިން މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި ފުވަމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ސްކޫލުތަކުގެ ދަރިވަރުންނަށް އައްޑު ސިޓީގައި، އެކެޑަމީން ކަނޑައަޅާ ސެންޓަރަކުން ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.