05 Sep 2023, 08:49
އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން އިތުރު ފިލްމަކަށް ސޮއިކޮށްފިއެވެ.
އިބްރާހީމް އިތުރު ފިލްމަކަށް ސޮއިކޮށްފައި މި ވަނީ ބޮލީވުޑަށް ތަޢާރަފްވާ ދަރުމާގެ ފިލްމުގެ މަސައްކަތް ނުނިމެނީހެވެ. ފިލްމީ ކެރިއަރު ފެށުމުގެ ކުރިން ވެސް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ޒުވާނާ ސޮއިކޮށްފައިވާ ދެވަނަ ފިލްމަކީ ޕްރޮޑިއުސަރު ދިނެޝް ވިޖަންގެ މެޑްޑޮކް ފިލްމްސްއިން ގެނެސްދޭ ލޯބީގެ ޑްރާމާ އެކެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ މެޑްޑޮކް ފިލްމްސްގެ މި ފިލްމަށް ދީފައިވާ ނަމަކީ "ދިލަރު"އެވެ. ކުނާލް ދޭޝްމުކް ޑައިރެކްޓްކުރާ މި ފިލްމުގައި އިބްރާހީމާ އެކު ބަތަލާގެ ގޮތުގައި ފެންނާނީ ކޮން ފިލްމީ ތަރިއެއްކަން އަދި ހާމައެއް ނުކުރެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނެފައިވަނީ މި ފިލްމުގެ ސްކްރިޕްޓް އިބްރާހީމަށް ވަރަށް ކަމުދިޔަ ކަމަށާއި މިއީ މިއުޒިކަލް ޑްރާމާއެއް ކަމަށެވެ. މި ފިލްމާ ބެހޭ މުހިއްމު މަޝްވަރާތަކެއް އިބްރާހީމް އަލީ ޚާނާ އެކު ކުރެވެމުންދާތީ ވަރަށް އަވަހަށް ފިލްމުގައި ފެންނާނެ ލީޑް ބަތަލާއެއް ވެސް ހަމަޖެހޭނެ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.
މި ފިލްމުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަސް ތެރޭ ފެށުމަށް ނިންމާފައިވާއިރު ފިލްމު ގެނެސްދޭ ކުންފުންޏާ އެކު އިބްރާހީމްގެ ދައްތަ ބަތަލާ ސާރާ ޢަލީ ޚާން ވެސް ވަނީ ކުރިން މަސައްކަތް ކޮށްފައެވެ. އެހެންކަމުން މެޑްޑޮކްސް ފިލްމްސް ކުންފުންޏާ އެކު މަސައްކަތް ކުރުމުގައި ސާރާގެ އެހީތެރިކަން ކޮއްކޮ އިބްރާހީމަށް ވަރަށް ބޮޑަށް ލިބޭނެ ކަމަށް ރިޕޯޓުތަކުން ވަނީ ލަފާކޮށްފައެވެ.
އިބްރާހީމް އަލަށް މަސައްކަތް ކުރަމުން އަންނަ ފިލްމު "ސަރުޒަމީން"އަކީ ދަރުމާ ކުންފުނިން ގެނެސްދޭ ތުރިލާއެކެވެ. މި އަހަރުގެ ފެބްރުއަރީ މަސް ތެރޭ ފިލްމުގެ މަސައްކަތް ފެށިފައިވާއިރު މި ފިލްމުގައި އިބްރާހީމް ހިމެނޭ މަންޒަރުތައް މިހާރު ވަނީ ނިމިފައެވެ. އިބްރާހީމާ އެކު ބަތަލާ ކާޖޮލް ފިލްމުގެ ވަރަށް މުހިއްމު ރޯލުން ފެންނާނެކަން ޕްރޮޑިއުސަރު ކަރަން ޖޯހަރުވަނީ ކަށަވަރުކޮށްދީފައެވެ.