10 Sep 2023, 11:24
ހަރުކަށީ ފިކުރަށް ޖާގަދީ، މި ސަރުކާރަށް ވުރެ ބޮޑަށް އެކަން ތަންފީޒު ކުރާނެ ސަރުކާރެއް ދެން އަތުވެދާނެ ކަަމަށް ދެކެން ދަތި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ވަކިވި މެންބަރުންނާއެކު ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި އިޝާރާތް ކުރައްވާފައި ވަނީ، ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ސަލަފް ޖަމިއްޔާއިން ތާއިދު ކުރާ ކަމަށާއި އެއީ ހަރުކަށި ފިކުރުގެ ޖަމިއްޔާއެއް ކަމަށް އެމްޑީޕީން ދައްކާ ވާހަކައަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ މުއިއްޒަކީ ސަލަފް ޖަމިއްޔާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ސަލަފުގެ މެންބަރުންތަކެއް މުއިއްޒަށް ތާއިދުކުރާކަން ހާމަކޮށްފައިވާއިރު، އޭނާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ސަލަފްގެ އިސް މެންބަރުންނާ އާއިލީ ގުޅުންތައް އޮވެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސާއި މުއިއްޒު ގާތުން ވާދަކުރައްވައި، މުއިއްޒު ވަނީ ހަތް ޕަސެންޓުގެ ތަފާތަކުން ކުރިހޯއްދަވާފައެވެ. ތިންވައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.
ދެވަނަ ބުރަކަށް މިސްރާބު ޖަހާފައިވާ މި އިންތިޚާބުގައި ޑިމޮކްރެޓްސްއިން ރައީސް ޞާލިޙަށް ތާއިދު ނުކުރާނެ ކަމަށާއި، އެ ޕާޓީގައި އޮތީ މުއިއްޒު ހޮވުމުގެ ރޫހެއް ކަމަށް ޕާޓީގެ ލީޑާޝިޕްގެ މެންބަރުން ވަނީ ބުނެފައެވެ.