މިދިޔަ ފަސް އަހަރު ތެރޭގައި އެއްވެސް ފުލުހަކަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކުރީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ހޯދުމަށް ޓަކައި 300 ފުލުހަކަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމުގައި ބުނެ، އޮންލައިން ނޫހަކުން ޝާއިއު ކުރި ޚަބަރަކާ ގުޅިގެންނެވެ.

މިޚަބަރު ދޮގު ކުރަމުގެ ގޮތުން ފުލުހުން ބުނީ ފުލުހުންނަށް ޕްރޮމޯޝަން ދިނުމަކީ ބޯޑުން ކުރާ ކަމެއް ކަމަށެވެ. އެގޮތުން އެއީ ފުލުހުންގެ ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގެ މަތިން ފުލުހުންގެ ތެރޭގައި ހަމަޖެހިފައިވާ އިންތިޒާމްތަކުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށް ވެސް ބުންޏެވެ.

"އިންތިޚާބާއި ގުޅިގެން ވެސް، އަދި އެނޫން އިރެއްގައި ވެސް މިދިޔަ ފަސް އަހަރު ތެރޭ އެއްވެސް ފުލުހަކަަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައިނުވޭ،" ފުލުހުން ބުންޏެވެ.

އެނޫހުގައިވާ ޚަބަރަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ނޫން ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ފުލުހުންނާ ގުޅޭގޮތުން ތަކުރާރުކޮށް، ފުލުހުންގެ ޚިދުމަތުގެ ބަހެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް މިފަދަ ދޮގު ވާހަކަތައް ނުލިޔުމަށް ވެސް ވަނީ އެދިފައެވެ.