ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޫދު މޫސާ ދީދީ,74, މިއަދު ނިޔާވެއްޖެއެވެ.

މަސްއޫދު ނިޔާވެފައިވަނީ ބޭސްފަރުވާއަށް މިއަދު އިންޑިޔާއަށް ދިޔަ ފަހުން ސިއްހީ ހާލަތު ގޯސްވުމަށް ފަހު ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މަސްއޫދުގެ ދަރިއަކު 'ސަން' އަށް ބުނީ, ބޭސްފަރުވާއަށް ބައްޕަ މިއަދު އިންޑިއާއަށް ގޮސް އެއާޕޯޓްގައި ހުއްޓައި ސިއްހީ ހާލަތު އިތުރަށް ގޯސްވެގެން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

"އިމިގްރޭޝަން ބަޔަށް ޕާސްޕޯޓް ދައްކާފަ ދެން ބަލާލިއިރު ބައްޕަ ނޭވައެއް ނުލާ. އަވަހަށް އެމަޖެންސީގަ ކިމްސް ހޮސްޕިޓަލަށް ގެންދިޔައީ. އޭރު ހިތުގަ ކުޑަކޮށް ޕަލްސް ހުރީމަ ވެންޓިލޭޓަރަށްލީ," މަސްއޫދުގެ ދަރިއަކު ކިޔައިދިނެވެ.

ވެންޓިލޭޓަރަށްލީ ނަމަވަސް މަސްއޫދުގެ ސިއްހީ ހާލަތު އިތުރަށް ރަނގަޅުނުވެ އިރުއޮއްސެން ކައިރިވެފައިވަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.

ރާއްޖޭގެ ދިފާއީ ބާރުގައި އުޅުއްވިއިރު ސިފައިންގެ ބޭންޑުން ލަވައިގެ ދުނިޔެއަށް ނިކުތް މަސްއޫދު ވަނީ ރީތި އަމިއްލަ ގިނަ ރާގުތަކެއްގެ ލަވަތައް ކިޔައިފައެވެ. އޭގެ ތެރޭގައި "ނޫރާނީ ލޯބި" އަދި "ދިރުމާއި މަރާ ގުޅާލާ" ފަދަ ރީތި އަމިއްލަ ރާގުތައް ހިމެނެއެވެ.

މިއުޒިކީ އާއިލާއަކަށް ނިސްބަތްވާ މަސްއޫދަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލް ހައްނާނު މޫސާ ދީދީގެ ދޮށީ ބޭބެއެވެ. މަސްއޫދުގެ އަނބިކަބަލުން މީގެ ހައެއްކަ އަހަރު ކުރިން އިންޑިއާގައި ނިޔާވެފައިވާއިރު އެ މީހުންގެ ތިން ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.