16 Sep 2023, 22:37
ސެޕްޓެމްބަރު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު "ފަސް ލަނޑު ތިން ލަނޑުން" ކާމިޔާބުކުރާނެ ކަމަށް ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.
ސޯސަން ޖަގަހައިގައި ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު މި އިންތިޚާބު ސިފަކުރެއްވީ ފުޓްބޯޅަ މެޗެއްގެ ގޮތުގައެވެ. އެގޮތުން މި މެޗުގެ ފުރަތަމަ ހާފު ނިމިއްޖެ ކަމަށާއި އަދި ދެވަނަ ހާފުގައި ނަތީޖާ ކަށަވަރުކަމާއެކު ބަދަލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނިކުމެ މިއޮތީ މެޗަކަށް. ފުރަތަމަ ހާފު ނިމިއްޖެ. ފުރަތަމަ ހާފު ނިމުމަކީ މެޗު ނިމުމެއް ނޫން. ބައެއް ފަހަރު ފުރަތަމަ ހާފުގައި ތިން ލަނޑު އެއް ލަނޑުން އެއް ބަޔަކު ބަލިވޭ. އަނެއް ބަޔަކު މޮޅުވޭ. އަޅުގަނޑުމެން މިއަދު މިތިބީ އެގޮތަށް ބަލާނަމަ ތިނެއް އެކެއްގެ ތަފާތަކުން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސް ޞާލިޙް ކެމްޕޭން ޓީމްތަކާ ބައްދަލުކުރައްވަނީ --- ފޮޓޯ/ އެމްޑީޕީ
ރައީސް ވިދާޅުވީ ހާފް ޓައިމްގަ ވަރަށް ރަނގަޅަށް ދެވަނަ ހާފު ކުޅޭނެ ގޮތަކާ މެދު ރާވަމުންދާ ކަމަށެވެ.
"ދެވަނަ ބުރު އަޅުގަނޑުމެން ކުޅޭނެ ގޮތަށް އިންތިޒާރުކޮށްލާ. ބައެއް ފަހަރު ބައެއް މަގާމްތަކަށް ކުޅޭ މީހުން ވެސް ބަދަލުކޮށްލާފަ. ހިތްވަރު ހުރި މީހުން އަޅުގަނޑުމެން ކުރިއަށް ނެރެފިން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެވަނަ ހާފުގައި ނުކުމެ ތިނެއް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހާ ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އެއީ އެއްވެސް ޝައްކެއް ނެތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ދެން ގޯލު ޖަހާނީ، ގޯލު ޖަހާނީ. ގޯލަކަށް ފަހު ގޯލެއް އަޅުގަނޑުމެން ޖަހާނީ،" ރައީސް ވިދާޅުވިއެވެ.
އިންތިޚާބުގެ ފުރަތަމަ ބުރު ކާމިޔާބު ނުވުމުގައި ފަރުވާކުޑަ ބައެއް ކަންކަން އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވަރަށް ގިނަ މީހުންނަށް ވޯޓު ނުލެވި އެކި ކަންކަން ދިމާވި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދެވަނަ ބުރަށް ވީހާވެސް އަވަހަށް ރީ-ރެޖިސްޓާ ކުރަން ޖެހޭ މީހުން އެކަމަށް ސަމާލުކަން ދިނުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ބޮޑުތަނުން މި އިންތިޚާބު ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވިއެވެ.