02 Oct 2023, 13:07
އިންތިޚާބީ ރައީސް އަދި ނައިބު ރައީސް ހުވާކުރުމުގެ ޖަލްސާ އަންނަ މަހުގެ 17 ވާ ހުކުރު ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ.
ގާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.
އެގޮތުން 17 ނޮވެންބަރު 2023 ވާ ހުކުރު ދުވަހު އެ ޖްލަސާ ބޭއްވުމުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށްގެންދާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.
މަޖިލީހުން މިގޮތަށް ބުނެފައި ވަނިކޮށް އިންތިޚާބުން ބަލިވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ، ގާނޫނީ އެއްވެސް ހުރަހެއް ނެތް ނަމަ, ނޮވެމްބަރު 11ގައި އިންތިޚާބީ ރައީސް ހުވާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވެލެއްވި ގޮތަށް ނޮވެމްބަރު 11ގައި އިންތިޚާބީ ރައީސަށް ހުވާ ކުރެއްވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ނޮވެމްބަރު 11 ގައި ހުވާ ކުރުމަށް ހުރި ގާނޫނީ ހުރަސްތަކާ މެދު މިހާރު ދިރާސާ ކުރަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރެއްވި ޑރ. މުޙައްމަދު މުއިއްޒު ވަނީ 54 ޕަސެންޓު ވޯޓު ހޯއްދަވައިގެން އިންތިޚާބު ކާމިޔާބުކުރައްވައިފައެވެ. އެއީ، 126،499 ވޯޓެވެ. ދެވަނަ ބުރުގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 108،735 ވޯޓެވެ.
ރައީސަށް މެޖޯރިޓީ ލިބުނީ ރާއްޖޭގެ އެންމެ ދެ އަތޮޅަކުންނެވެ. އެއީ އއ. އަތޮޅާއި އައްޑޫ ސިޓީއިންނެވެ. އިންތިޚާބުން ނާކާމިޔާބުވުމަށް ފަހު، ރައީސް ޞާލިޙް ވަނީ ބަލި ގަބޫލުކުރައްވައި، މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް ޞާލިޙުގެ ފަސް އަހަރުގެ ދައުރު ނިމޭނެ ދުވަހަކީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނީ 11 ނޮވެމްބަރު 1968 ގައެވެ. ކޮންމެ ފަސް އަހަރަކުން މި ދުވަހަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް އަހަރު ފުރޭ ދުވަހުގެ އިތުރުން އެއިރަކު އޮންނަ ވެރިކަމަށް ވެސް އަހަރެއް ފުރޭ ދުވަހެވެ.
2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެ ތާރީހަށް އާ ރައީސަކު އިންތިޚާބު ނުކުރެވި، ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ އެ އަހަރުގެ ނޮވެމްބަރު 17ގައެވެ.
އޭގެ ފަހުން ވެރިކަމުގެ ދައުރު ގުނަމުން އަންނަނީ ނޮވެމްބަރު 17 އިން ފެށިގެންނެވެ.