"ޑާކްރެއިން" އިން ތައްޔާރުކޮށްފައިވާ ޑްރާމާ އަދި ރޮމޭންސް ފިލްމު "ނޮވެމްބަރު" އަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި އަޅުވާ އެންމެ ކޮންޓްރޮވާޝަލް އެއް ފިލްމެވެ. އާންމުންގެ ފާޑު ކިޔުން ރައްދުވަމުން ދިޔަ ނަމަވެސް މި ފިލްމު މިހާރު އޮތީ އަންނަ ޑިސެމްބަރު މަހުގައި ބޮޑު ސްކްރީނަށް އައުމަށް ތައްޔާރުވެފައެވެ.

ސިންގަޕޫރުގައި ކުޅެފައިވާ މި ފިލްމަކީ މަރިޔަމް މަޖުދާ އާއި މުހައްމަދު ޖުމައްޔިލު ނިމާލް ލީޑުން ފެނިގެންދާ ފިލްމެކެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒް ކުރުމަށް ތައްޔާރުވެފައިވަނިކޮށް ކޮވިޑްގެ ހާލަތާ ގުޅިގެން އޮލިމްޕަސް ބަންދުކޮށް މުޅި ދިވެހި ފިލްމު އިންޑަސްޓްރީ ހުއްޓުވާލިއެވެ.

އެ ހާލަތުން އަރައި ނުގަނެވި ވަނިކޮށް ދެން އިވެން ފެށީ ޖުމައްޔިލާ ދެކޮޅަށް ކުރި ރޭޕްގެ ތުހުމަތެވެ. ޖިންސީ ގޯނާގެ ޝިކާރައަށް ވީ ފަރާތުގެ ދުލުން ވާހަކަ އާންމު ވިއިރު މައްސަލަ އެންމެ ފަހުން ފުލުހުން ބަލަން ފަށައި ރޭޕްގެ ތުހުމަތު އުފުލާފައިވަނީ 2021 ވަނަ އަހަރުގައެވެ.

މި ވާހަކަތަކާއެކު ހުރިހާ ޕްރޮޑަކްޝަންތަކާއި މުޅި ފިލްމު އިންޑަސްޓްރީހެން ޖުމައްޔިލާ ގުޅުން ކަނޑާލި ކަހަލައެވެ. އެއަށްފަހު އެކި ޕްރޮޑަކްޝަންތަކުން އޭނާ ބޭރުކުރަމުން ދިޔަ އިރު ނޮވެމްބަރު ފިލްމަށް ހަދާނެ ގޮތެއް ނޭނގިފައި އެތައް ބަޔަކު ތިއްބެވެ.

އެންމެ ފަހުން ރޭޕްގެ ވާހަކައާ ގުޅިގެން ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް 25 އޯގަސްޓު 2021 އަށް ތާވަލު ކުރިއެވެ. އެއަށްފަހު އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހާމަވެފައެއް ނުވެއެވެ. މިކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ސާފުކުރުމަށް އެހުމުން އަދި މިކަމާ ގުޅޭ ބަހެއް ލިބިފައެއް ނުވެއެވެ.

ކޮންމެއަކަސް ކަންތައް މިހެން އޮތް އިރު މިހާރު ޑާކްރެއިން އިން ތައްޔާރުވަމުން އަންނަނީ ފިލްމު ރިލީޒް ކުރުމަށެވެ. މި ފިލްމު ރިލީޒް ކުރުމަށް މި އަންނަނީ އާންމުންގެ ތެރޭގައި ޖުމައްޔިލަށާއި ޕްރޮޑަކްޝަނަށް ފާޑު ކިޔުން ރައްދުވެފައިވާ ދުވަސްވަރެއްގައެވެ. ގިނަ ބަޔަކު އަދިވެސް ޖުމައްޔިލު ސްކްރީން ކުރިމަތީން ދެކޭން ބޭނުމެއް ނުވެއެވެ.

ޑާކްރެއިން އިން މި ފިލްމު ދައްކަން ފެށުމަށް ތާވަލު ކޮށްފައިވަނީ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ،