07 Oct 2023, 22:35
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒަކީ، ބޭރުގެ ބޮޑެތި ނޫސްތަކުގައި ސިފަކޮށްފައިވާ ފަދައިން އިންޑިއާއާ ދެކޮޅު ނުވަތަ ޗައިނާ ކޮޅަށް ބުރަވެފައިވާ ބޭފުޅެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ"އަށް ދެއްވި އިންޓަވިއުއެއްގައެވެ.
މުއިއްޒު އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ސުރުޚީގައި މުއިއްޒު ސިފަކޮށްފައި ވަނީ "ޕްރޯ ޗައިނާ" ބޭފުޅެއްގެ ގޮތުގައެވެ.
އެ އިންޓަވިއުގައި ނަޝީދު ވިދާޅުވީ، މުއިއްޒުގެ ސަރުކާރުގައި އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ހާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނަކީ އިންޑިއާއާ ދެކޮޅު ނުވަތަ ޗައިނާއަށް މާބޮޑަށް ބަރޯސާވާނެ ބޭފުޅެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ޗައިނާގެ ކެންޑިޑޭޓްގެ ގޮތުގައި މުއިއްޒު ސިފަ ކުރަނީ، އެ މަނިކުފާނު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަން ކުރެއްވި ދުވަސްވަރު އެ މަނިކުފާނު ބޮޑަށް ބަރޯސާވެފައިވަނީ ޗައިނާއަށް ކަމަށްވާތީއެވެ. ޔާމީން ސަރުކާރުގައި ވަނީ ޗައިނާގެ އެހީތެރިކަމާއެކު މިހާތަނަށް ރާއްޖޭގައި ހިންގާފައި ނުވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަވައިފައެވެ. އެ ބޮޑެތި މަޝްރޫއުތައް ހިންގެވިއިރު އެކަން ކުރައްވަން ވަޒީރެއްގެ ގޮތުގައި ހުންނެވީ މުއިއްޒެވެ.
މުއިއްޒު ވަނީ މި ކަމަށް ރައްދު ދެއްވައިފައެވެ. އެގޮތުން ސަރުކާރު ހިންގަވާނެ ގޮތް ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކަމަށެވެ. އެ ސިޔާސަތު ގަބޫލުކުރާ ހުރިހާ ގައުމުތަކާކާ ގުޅުން ބާއްވަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އިންޑިއާގެ އެހީތެރިކަން ލިބުމަށް ވުރެ ރަނގަޅު އެހެން ގޮތެއް ނެތް ކަމަށެވެ.
"ޓެރަރިސްޓް ޖަމާއަތްތައް ކޮންމެ ތަނަކުން ވެސް އަތުވެދާނެ. އެތައް ސަތޭކަ ބަޔަކު އައިސް ހަގީގަތުގައި ވެސް ރާއްޖެ އަށް ނުރައްކާ ކޮށްފާނެ. އިންޑިއާއާ ދިފާއީ އެއްބާރުލުން ވަރުގަދަ ކުރުމަށް ވުރެ ރަނގަޅު ގޮތެއް ނޯންނާނެ،" ނަޝީދު ވިދާޅުވިއެވެ.
މި އިންޓަވިއުގައި ނަޝީދު ވަނީ ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓުތައް ބަލަހައްޓައި އޮޕަރޭޓްކުރުމަށް ރާއްޖޭގައި ތިބޭ އިންޑިއާގެ ގާތްގަނޑަކަށް 75 ސިފައިންނަށް މުއިއްޒުގެ ސަރުކާރުގައި ހުއްދަ ދެއްވާނެ ކަމަށް ލަފާކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު ދިވެހިރައްޔިތުންގެ ވިންދާ ދެކޮޅަށް ބޭރުގެ އެއްވެސް ސިފައިންގެ މީހަކަށް ރާއްޖޭގައި ނުހުރެވޭނެކަމަށާއި، ވެރިކަމުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުވުމުގެ މަސައްކަތް ފައްޓަވާނެކަމަށް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ނަޝީދު ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ދެއްވުމަށް އިންތިގާލީ އޮފީހުން އިޝާރާތެއްވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިއަދު އެ އޮފީހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވަނީ އަވައްޓެރި ގައުމުތަކާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް މުހިންމު ގައުމުތަކުގެ ވެރިންނަށް ހުވާކުރުމުގެ ރަސްމިއްޔާތަށް ދައުވަތުދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.