ފަލަސްތީނަށް އެހީވުމަށް, އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ހުޅުވާލި ފަންޑަށް ދެގަޑިއިރު ތެރޭގައި އެއް ލައްކަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އެ ފަންޑާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އައިއޭސީގެ އޮފިޝަލަކު ވިދާޅުވީ މި ފަންޑު ފެށީ މިއަދުގެ ހެނދުނު ކަމަށެވެ. އަދި އެ ފަންޑަށް ދެ ގަޑިއިރުތެރޭގައި އެއްލައްކަ ރުފިޔާ ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މި ފަންޑަކީ މިއަހަރު ފަލަސްތީނަށް އެހީވާން ހެދި ދެވަނަ ފަންޑު ކަމަށެވެ. މި ފަންޑަށް ކޮންމެ މީހަކަށްވެސް ބޭނުން އަދަދަކަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފަންޑަށް އެހީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު، އެ ޖަމިއްޔާގެ ބީއެމްއެލް އިސްލާމިކް އެކައުންޓަށް ފައިސާ ފޮނުވައިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވެވޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެކައުންޓު ނަމްބަރު: 7770000062741

އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

މި ޕްރޮޖެކްޓް އަގުތައް ހެދިފައިވަނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމުގެ އިތުރުން، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށް ކަމަށް ވެސް އައިއޭސީން ބުނެއެވެ.

ފަލަސްތީނާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަމަ ނުޖެހުމުގައި 313 މީހުން ޝަހީދުވެ، 1990 މީހުން ވަނީ ޒަޚަމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 20 ކުޑަ ކުދިން ހިމެނެއެވެ.