ބޮލީވުޑްގެ މަގުބޫލު ފިލްމީ ތަރި ޝާހްރުކް ޚާންއަށް ލިބެމުން އަންނަ މަރުގެ އިންޒާރު ތަކާއެކު އެކްޓަރުގެ ސެކިއުރިޓީ ކުރިއަށްވުރެ ދެ ގުނަ ވަރުގަދަ ކޮށްފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ޝާހްރުކް ޚާންއަށް މަރުގެ އިންޒާރުތައް ލިބެމުންދާ މައްސަލަ މަހާރަޝްތުރާގެ ފުލުހުންގެ ސަމާލުކަމަށް އައިކަން ރަސްމީ ފަރާތްތަކުން ހާމަކޮށްފައި ވަނީ މި ދިޔަ ހޯމަ ދުވަހުއެވެ. އަދި ޝާހުގެ ސެކިއުރިޓީ ކުރިން ހުރި ކެޓަގަރީއިން ވައި ޕްލަސް އަށް ބަދަލުވެފައި ވާކަން ވެސް ފުލުހުންގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. ވައި ޕްލަސް އަކީ މަހާރަޝްތުރާ ފުލުހުންގެ ފަރާތުން ހަތަރު ވަނައަށް ދެވޭ އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ ޚިދުމަތެވެ.

ޝާހްރުކް ޚާންއަށް މަރުގެ އިންޒާރުތައް ލިބެން ފަށާފައި ވަނީ ކެރިއަރުގެ އެންމެ ކާމިޔާބު ދެ ފިލްމު ކަމަށްވާ "ޕަތާން" އާއި "ޖަވާން"ގެ ބޮޑު ކާމިޔާބީއަށް ފަހުއެވެ. މި ދެ ފިލްމަކީ ވެސް ވިޔަފާރީގެ ގޮތުން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމެވެ. ޝާހްރުކް ޚާންއަށް މީގެ ކުރިން ވެސް އަންޑަވޯލްޑް ގޭންގުތަކުން ވަނީ ބިރު ދައްކާފައެވެ. އެހެން ނަމަވެސް އޭރު ޝާހު ވަނީ ގޭންގުތަކުން ދެއްކި ބިރުތަކަށް ބީރު ކަންފަތެއް ދީފައެވެ.

ޝާހުއަށް މިހާރު ލިބެމުން އަންނަ މަރުގެ އިންޒާރުތަކުގެ ޙަޤީޤަތް އިންޑިއާގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ބަލަމުންނެވެ. އެގޮތުން ޝާހްރުކް ދިރިއުޅޭ ގެ މަންނަތުގެ ކައިރީގައި ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް ޝާހު އާއެކު ޙަރަކާތްތެރިވާ ސެކިއުރިޓީންގެ ޢަދަދު ވަނީ އިތުރު ކޮށްފައެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އަގު ބޮޑު އެކްޓަރުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައި ވާއިރު މަހާރަޝްތުރާގެ ސްޓޭޓް ސަރުކާރުން ފޯރުކޮށްދޭ ސެކިއުރިޓީ ޚިދުމަތުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އެ ޚިދުމަތަށް އަގު ކަނޑައެޅުމަށް ފަހުއެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނަށް މާފިއާ ގޭންގުތަކުންނާއި އެފަދަ އެހެނިހެން ޖަމާއަތްތަކުން މަރުގެ އިންޒާރުދީ ބިރު ދެއްކުމަކީ އާއްމު ކަމެކެވެ. ދާދިފަހުން ސަލްމާން ޚާންއަށް ވެސް، އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ގޭންގަކުން ވަނީ މަރުގެ އިންޒާރު ދީފައެވެ.