10 Oct 2023, 09:46
ވަރިވާން އެދި ކޯޓަށް ދިޔަ އަންހެނަކަށް ގުޅިކަމުގެ ތުހުމަތު ކުރެވިފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ތަހުގީގުކޮށް ވަކި ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސްގެ މޭޒުން ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
އޭނާއާ ގުޅޭގޮތުން ޖޭއެސްސީއިން ތަހުގީގު ކުރަމުންދާ މައްސަލައަކީ ކުޅުދުއްފުށީ ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުވާ މައްސަލައެކެވެ. އޭނާ ވަނީ މިހާރު އެ މައްސަލާގައި ސަސްޕެންޑުކޮށްފައެވެ.
އެހެންނަމަވެސް އޭނާގެ އެ އަމަލުތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފު އަމަލުތަކެއްކަން ސާބިތުވާތީ، ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމީއެވެ.
އެ މައްސަލާގައި އަލީ އާދަމް ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭނާ ސަސްޕެންޑުކުރީ އެ މައްސަލައިގެ ތަހްގީގަށް ހޯދިފައިވާ މައުލޫމާތަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ވަނީ އޭނާގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައެވެ.
އޭނާ ސަސްޕެންޑުކުރީ އެ ކޮމިޝަނުން ވަކިގޮތެއް އަންގަންދެނެވެ.
މިކަންތައް ހިނގި ދުވަސްވަރު އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ދެ މީހަކު ހައްޔަރުކުރިއެވެ.