11 Oct 2023, 12:36
ފަލަސްތީނަށް ނަސްރު ދެއްވުންއެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ޣައްޒާއާއި ފަލަސްތީނުގެ މުސްލިމުންނަށް ނަޞްރު ދެއްވުން އެދި، ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހުރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ނާޒިލާ ކިޔުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެގޮތަށް ހުރިހާ މިސްކިތެއްގައި އަމަލު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
ޤުނޫތު ނާޒިލާ އަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން އަޑު ހަރުކޮށް ކިޔަވާ ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ޚާއްސަ ދުއާ އެކެވެ. ކީރިތި ރަސޫލާގެ ދުވަސްވަރުވެސް ކާރިސާތައް ދިމާވުމުން ޤުނޫތު ނާޒިލާ ކިޔުއްވާފައިވާ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.
ކޮވިޑްގެ ބަލިމަޑުކަމާއެކު ވެސް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވަނީ ޤުނޫތު ނާޒިލާ ކިޔައިފައެވެ.
ޣައްޒާގައި ވެރިކަން ކުރާ ހަމާސްއިން މިިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާ ދެކޮޅަށް ކުއްލި ގޮތަކަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށުމާ ގުޅިގެން އިޒްރޭލުން ދަނީ ހުއްޓުމެއްނެތި ފަލަސްތީނަށް ހަމަލާ ދެމުންނެވެ.
ހަމާސްއިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,200 މީހުން މަރުވެ، 2،800އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އަދި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 970އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 5,000އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.